ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމާލެ ހިއްކަނީ، އެ މަޝްރޫޢު ހަވާލުކޮށްފައިވާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާއި ނެދަލޭންޑްސްގެ ބޮސްކާލިސްއާއި، ޗައިނާ ސްޓޭޓަށް ޖުމުލަ 70 ހެކްޓަރުގެ ބިން ދޭގޮތަށް ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު ވަނީ، އެމަނިކުފާނުގެ ރިޔާސީ ވަޢުދުކަމަށްވާ ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫޢަކީ ދިވެހި ބަޖެޓުން އެންމެ ރުފިޔާއެއްވެސް ޚަރަދު ނުކޮށް ހިންގާ މަޝްރޫޢެއް ކަމަށް ވިދާޅުވެފައެވެ. 

ރަސްމާލެ ތަރައްޤީކުރުމަށް ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމުގެ ބަދަލުގެ ގޮތުގައި މިމަޝްރޫޢުގެ ކޮންޓްރެކްޓްގައިވާ ގޮތުން މިތިން ކުންފުންޏަށް  70 ހެކްޓަރު ބިން ދިނުމަށް އެއްބަސްވެފައިވާއިރު، 10 ހެކްޓަރުގެ ބިން ދިނުމަށް މިއެއްބަސްވުމުގެ ދަށުން ނިންމާފައިވަނީ ހުޅުމާލެއިންނެވެ. އަދި އަނެއް 60 ހެކްޓަރުގެ ބިން ދިނުމަށް ހަމަޖެހިފައިވަނީ އަލަށް ހިއްކާ ފުށިދިއްގަރުފަޅުންނެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢާ ގުޅޭގޮތުން، ފަޒުލް ވިދާޅުވީ، މިމަސައްކަތް ހަވާލުކޮށްފައިވާ 3 ކުންފުނިންޏާއި މަސައްކަތް ޙަވާލުކުރީ އެފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު ކަމަށެވެ. މިމަޝްރޫޢު ކުރިއަށް ގެންދަނީ ބިން ހިއްކައިގެން އެބިން ވިއްކައިގެން އަގު އަދާކުރާ އުސޫލުގެ ދަށުން ކޯޕަރޭޓް ގެރަންޓީއާ އެކުގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ހުޅުމާލޭގައި ހުރި ބިންތައް ރައްޔިތުންނަށް ދޫކުރުމުން، މިހާރު ހުޅުމާލޭ ފޭސް 1 އަދި 2ގައިވެސް އިތުރުކަމެއްގައި ބޭނުންކުރާނެ ބިމެއް ނެތްކަމަށާއި އެހެންކަމުން ރަސްމާލެ ތަރައްގީކުރާން ޖެހޭކަމަށް ފަޒުލް ވިދާޅުވިއެވެ.