އާގުބޯޓުތައް ހިމާޔަތްކުރުމުގެ ނަމުގައި ޔަމަނަށް އެމެރިކާއިން ހަމާލާއެއް ދީފި ނަމަ، ބަލަން ނުތިބޭނެކަމަށާއި، ރަތްކަނޑުގައި ވަރުގަދަ ހަނގުރާމައެއް ކުރާން ޖެހޭނޭކަމުގެ އިންޒާރު، ޔަމަނުގެ ޙޫޘީ ޖަމާޢަތުން ދީފިއެވެ. 

ޙޫޘީންގެ ވަރުގަދަ އިންޒާރެއް އެމެރިކާއަށް ދީފައި މިވަނީ، ވަނީ ރަތް ކަނޑުގައި ދަތުރުކުރާ އާގުބޯޓުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ބުނެ އެމެރިކާއިން އިސްވެ ކަނޑުގެ ސިފައިންގެ ލަޝްކަރެއް އެ ސަރަހައްދަށް ފޮނުވުމުންނެވެ.

ޙޫޘީންގެ ލީޑަރު، ޢަބްދުލްމާލިކް އަލް-ހޫޘީ ވިދާޅުވީ، އާގުބޯޓުތަކަށް ހިމާޔަތް ދިނުމުގެ ނަމުގައި އެމެރިކާއިން ޔަމަނަށް ޙަމަލާއެއް ދީފި ނަމަ މަޑުން ބަލާން ނުތިބޭނެކަމަށެވެ. އަދި ޔަަމަނާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ، އެމެެރިކާއާ ކުރިމަތިލާން ތައްޔާރަށް ތިބި ކަމަށާއި ރަތް ކަނޑަށް ވަންނަ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރުވެސް އޭނާ ދިނެވެ. 

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން، ފަލަސްތީނުގައި އިޒްރޭލުގެ ސަޙްޔޫނީ އަނިވެރި ދައުލަތުން ހިންގަމުންދާ ލާއިންސާނީ ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގައި ދުނިޔޭގެ ގައުމުތައް ނުކުޅެދިފައިވާތީ، ޙޫޘީން ވަނީ، ހަނގުރާމަ ހުއްޓައިލަންދެން ރަތްކަނޑުން ދަތުރުކުރާ އިޒްރޭލާ ގުޅުންހުރި ހުރިހާ އުޅަނދުތަކަކަށް ރައްކާތެރިކަމެއް ނެތްކަމަށް ބުނެފައެވެ. 

އޮޕަރޭޝަން ޕްރޮސްޕެރިޓީ ގާޑިޔަންގެ ނަމުގައި އެމެރިކާއިން އެކުލަވާލާފައިވާ ފައުޖުގައި އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ބަޙްރައިން، ކެނެޑާ، ޑެންމާކް، ފަރަންސޭސިވިލާތް، އިޓަލީ، ނެދަލެންޑްސް، ނޯވޭ، ސްޕެއިން އަދި ސީޝެލްސް ހިމެނެއެވެ.