ފަލަސްތީނަށް ތާއީދުކުރާ އަޑުތައް ކަނޑުވާލަން ނުވަތަ ހިމޭންކުރާކަމުގެ ތުހުމަތު، ފޭސްބުކް، އަދި އިންސްޓަގްރާމްގެ މައި ކުންފުނި މެޓާގެ މައްޗަށް ހިއުމަން ރައިޓްސް ވޮޗު (އެޗްއާރުޑަބްލިއު)ން ކޮށްފިއެވެ. 

ހިއުމަން ރައިޓްސް ވޮޗުން ވަނީ، މެޓާއިން ފޭސްބުކް އަދި އިންސްޓަގްރާމްގައި ފަލަސްތީނަށް ތާއީދުކުރާ ކޮންޓެންޓް ހަނިކުރާ ކަމަށް ތުހުމަތުކޮށް، އިޒްރޭލާއި ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އެ ކުންފުނިން "ސިސްޓަމެޓިކް އޮންލައިން ސެންސަރޝިޕް" ކުރިއަށް ގެންދާ ކަމަށް ބުނެއެވެ.

ފަލަސްތީނާއި ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް ތާއީދުކުރާ އަޑުތައް އިންސްޓަގްރާމް އާއި ފޭސްބުކްގައި ގަދަވެފައިވާ މި ދަނޑިވަޅުގައި، މެޓާގެ ސިޔާސަތުތަކާއި އަމަލުތަކުން، އެ އަޑުތައް ހިމޭންކުރުވަމުން ދާކަމަށް، ނިއުޔޯކުގައި ހުންނަ އެޗްއާރްޑަބްލިއު ގްރޫޕުން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައިވެއެވެ.

މީގެ އިތުރުން، ފަލަސްތީނަށް ތާއީދުކޮށް ހުންނަ ކޮންޓެންޓުތައް މެޓާއިން ސެންސަރު ކުރުމަކީ ފަލަސްތީނުގެ މީހުންގެ ޚިޔާލުފާޅުކުރުން މިހާރުވެސް ހުއްޓުވާފައި، އަދި އެވާހަކަނުދައްކައި، އަނިޔާވެރިކަމާއި ފިއްތުންތައް އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެ އަނިޔާވެރިކަމާއި ފުރައްސާރަ އިތުރުކޮށްދޭ ކަމެއް ކަމަށްވެސް އެޗްއާރުޑަބްލިއުގެ ޓެކްނޮލޮޖީ އެންޑް ހިއުމަން ރައިޓްސް ޑިވިޝަންގެ އެކްޓިން އެސޯސިއޭޓް ޑިރެކްޓަރު ޑެބޮރާ ބްރައުން ވިދާޅުވިއެވެ.

މެޓާގެ އިތުރުން ޓްވިޓަރ (އެކްސް)އިން ވެސް ގެންދަނީ، ނަފްރަތު އުފައްދާ ކޮންޓެންޓްސްގެ ނަމުގައި، ފަލަސްތީނަށް ތާޢީދުކުރާ އަޑުތައް ކަނޑުވާލަން ކެނޑިނޭޅި މަސައްކަތްކުރަމުންކަން ފާހަގަކޮށްލާން ޖެހެއެވެ.