އިޒްރޭލުގެ ސަޙްޔޫނީ އަނިޔާވެރި ދައުލަތުން ފަލަސްޠީނުގައި ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، އިޒްރޭލާ ގުޅުން ހުރި މުދާއުފުލާ އާގު ބޯޓުފަހަރު، މެލޭޝިއާއަށް ވަނުން އެގައުމުން މަނާކޮށްފިއެވެ. 

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ބަޔާނެއްގައި ވަނީ، އިޒްރޭލުގެ ޝިޕިންގ ކުންފުންޏެއް ކަމަށްވާ ޒިމްގެ އެއްވެސް އުޅަނދަކުން މެލޭޝިއާގެ އެއްވެސް ބަނދަރަކަށް މުދާ ބޭލުމާއި މުދާ ބަރުކުރުން މަނާކޮށްފައިވާ ކަމަށެވެ. 

އިޒްރޭލާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅާފައި ވަނީ، އިންސާނީ އަސާސީ އުސޫލުތަކަށް ބެލުމެއްނެތި، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިނގަމުންދާ ގަތުލުއާންމާއި އަނިޔާވެރިކަމަށް ރަށްދުދިނުމުގެ ގޮތުން އަޅާފިޔަވަޅެއް ކަމަށް އަންވަރު ވަނީ ވިދާޅުވެފައެވެ. 

މެލޭޝިޔާއިން ވަނީ، އިސްރާއީލުގެ ދިދަ ބޭނުންކުރާ ބޯޓުތައް އެގައުމުގައި ބަނދަރު ކުރުމާއި، އިސްރާއީލަށް ދަތުރުކުރާ އެއްވެސް ބޯޓަކަށް މެލޭޝިއާގެ ބަނދަރަކުން މުދާ އެރުވުން މަނާކޮށް، މި ފިޔަވަޅުތައް ވަގުތުން ތަންފީޒުކުރާން ފަށައިފައެވެ. 

ގާތްގަނޑަކަށް 34 މިލިއަންގެ އާބާދީއެއް އޮންނަ މެލޭޝިއާއަކީ، 63 އިންސައްތަ މުސްލިމުން ދިރިއުޅޭ ގައުމެކެވެ. މެލޭޝިއާއަކީ އިޒްރޭލާއެކު އެއްވެސް ޚާރިޖީ އަދި ސިޔާސީ ގުޅުމެއް ބާއްވާ ގައުމެއް ނޫނެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް އަބަދުވެސް ވަކާލާތުކުރާ ގައުމެކެވެ. 

މެލޭޝިއާއިން މިފަދަ ހަރުކަށި ފިޔަވަޅުތައް އިޒްރޭލާ ދެކޮޅަށް އަޅަމުން އަންނައިރު، މިހާރުވެސް އިޒްރޭލާ ގުޅުމެއް ނެތް، 100 އިންސައްތަ މުސްލިމުން ދިރިއުޅޭ ދިވެހިރާއްޖެއަށް އިޒްރޭލުގެ ފަތުރުވެރީން އެތެރެވުން މަނާކޮށްދިނުމަށް އެދި ރައްޔިތުން ގޮވަމުންދާތާ އެތަކެއް ދުވަސްވީއިރު ވެސް ކުރީގެ ރައީސް އިބްރާހީމުގެ ސަރުކާރުންވެސް އަދި ޑރ. މުޢިއްޒުގެ ސަރުކާރުންވެސް މި ފިޔަވަޅު ނާޅަނީ ކީއްވެތޯ ރައްޔިތުން ދަނީ ސުވާލުއުފައްދައި ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.