އެމަނިކުފާނުގެ ކުރިފުޅުމަތީގައި ދިވެހި ކޮންމެ ރައްޔިތެއްވެސް ހަމަހަމަވާނެ ކަމަށާއި، އެގޮތުން ދިވެހި ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ އުދާސްތަކާއި، ޚިޔާލުތަކާއި، އުންމީދުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭގޮތަށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލްއެއް ޤާއިމުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ބުދަ ދުވަހުގެ ރޭ ދަރުބާރު ގޭގައި ބޭއްވި "ކަންގަތި އެވޯޑް 2023" ހަފުލާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، "އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެއްކޮޅަށް. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ފަޅީގައި. ސަބަބަކީ އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ލޯބިވަން،" ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ "އަޅުގަނޑު ގާތުގައި ކޮންމެ ރައްޔިތަކު ހަމަހަމަ. ސިޔާސީ ފިކުރަކަށް، ޖިންސަކަށް، އާއިލާއަކަށް، ރަށަކަށް، ސަރަޙައްދަކަށް އަޅުގަނޑު ނުބަލާނަން. އަޅުގަނޑު ބަލަން ބޭނުންވަނީ އަދި ބަލާނީ ހަމަ އެންމެ ކަމަކަށް. އެއީ ދިވެއްސެއްތޯ". ކަމަށެވެ. 

ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެކަމަށާއި އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ އަޑުއައްސަވައިގެންކަމަށް ވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.