މީގެ އެތައް އަހަރުތަކެއް ކުރީން، މާލެއާއި ވިލިމާލޭގައި ޢިމާރާތްކޮށްފައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާތީ، އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އެތާނގައި ދިރިއުޅެމުންދާ ރައްޔިތުންނަށް، މާލީ އެއްވެސް ތަކުލީފެއް، ނުޖައްސައި އެ އިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށްދިޔަ "ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފުލާގައި ރައީސް މުޢިއްޒު ވިދާޅުވީ މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާތީ، ކަނޑައެޅިފައިވާ އުޞޫލުތަކާއި، ފަސޭހަތަކަކާއެކު، އެ އިމާރާތްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. 

"މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ. ކޮންމެ ފަސްއަހަރަކުން އެއް ފަހަރު، ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން، ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބާފައި މި ތިބިތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާއިމަށް ނިމުން ގެނެސްދޭނަން". ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.