ރައްޔިތުންގެ ހާލު ބަލަން ކުރިއަށް އޮތް ހަފްތާ ބަންދުގައި ސަރުކާރުގެ ވަފުދުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަރުބާރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އަބަދުވެސް ތިބޭނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި އެމަނިކުފާނުގެ ގާތުގައި ކޮންމެ ރައްޔިތަކު ހަމަހަމަ ކަމަށެވެ. ސިޔާސީ ފިކުރަކަށް، ޖިންސަކަށް، އާއިލާއަކަށް، ރަށަކަށް، ސަރަޙައްދަކަށް ނުބައްލަވާނެ ކަމަށާއި މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންނާ ގާތުން ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރާނަން. ހާލުއަހުވާލު ބަލާނަން. މި ސަރުކާރުގެ ވަޒީރުންވެސް، ކުންފުނިތަކުގެ ވެރިންވެސް މިގޮތަށް ޢަމަލު ކުރައްވާނެ،" ރައީސް ވިދާޅުވިއެވެ.

މިގޮތުން، ރައްޔިތުންގެ ހާލު ބެލުމަށްޓަކައި މި ހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދައުލަތުގެ ވަޒީރު ބޭފުޅުންނާއި، ކުންފުނިތަކުގެ މަސްއޫލުވެރިން ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ އަރިހަށް ވަފުދުތައް ދަތުރުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ގާތްކަމާއި އެހީތެރިކަމަކީ، ދައުލަތް ހިންގުމުގައި އޮތް ލާމަރުކަޒީ ނިޒާމުގެ ޙަޤީޤީ މަފްހޫމު ކަމަށްވެސް ވިދާޅުވިއެވެ.