މި ސަރުކާރުން ކުވޭތާ އެކީ ގުޅުން އިތުރަށް ބަދަހި ކުރަން މަސައްކަތް ކުރާނެ ކަމަށާއި އެކަމުގެ ޔަގީންކަން ވެސް އެ ގައުމަށް ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިގޮތަށް ވިދާޅުވީ ކުވޭތުގެ އަމީރުކަމާ ހަވާލުވެވަޑައިގަތް ޝެއިޚު މިޝްޢަލް އަލް-އަޙްމަދު އަލް-ޖާބިރު އަލް-ޞަބާޙް އަށް މަރުހަބާ ވިދާޅުވެ، ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖްގައި ރައީސް ވިދާޅުވީ ރާއްޖެއާއި ކުވޭތާ ދެމެދު އޮތް ގާތް ދެމެހެއްޓެނިވި ގުޅުން ބިނާވެފައި ވަނީ، ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމަށް ކުރާ އިތުބާރާއި އިޙުތިރާމާއި އަދި ދެ ގައުމުގައި ވެސް އޮންނަ އިސްލާމީ ރިވެތި އަޚްލާގުގެ ސަބަބުން އުފެދެމުން އަންނަ ސަޤާފީ، ތާރީޚީ ގުޅުމުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ އިގުތިސާދީ މަގުސަދުތައް ކުރިއެރުވުމުގައި ކުވޭތުން މިހާތަނަށް މުހިންމު ދައުރެއް ވެސް އަދާކޮށްފައިވާ ކަމަށާއި އެ ގައުމުން ރާޖެއަށް ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން އަބަދު ވެސް ބަލައި ގަންނާނެ ކަމަށެވެ. އަދި އެކަމުގެ ވަޒަންކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސްޖުގެ މެސެޖުގައި، އާ އަމީރުގެ ޒައާމަތުގައި، ކުވޭތު ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވިއެވެ. އަދި އާ އަމީރާ އެކީ ފެށުނު ދައުރުގައި ކުވޭތާއި ރާއްޖެއާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށާއި، އެކަމަށް ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން، ކުވޭތުގެ އަމީރު އައްޝެއިޚު ނަވާފް އަލްއަޙްމަދު އަލްޖާބިރު އައް ޞަބާޙް މި މަހުގެ 16 ވަނަ ދުވަހު ވަހާރަވުމާ ގުޅިގެން ކުވޭތުގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވި އެވެ. އަވަހާރަވި އަމީރަށް ރާއްޖޭގައި ކަށުނަމާދު ވެސްކޮށްފައިވާ އިރު، އެ ހިތާމައިގައި ބައިވެރިވާން ދިވެހި ދިދަ ބައި ދަނޑިއަކަށް ތިރި ވެސް ކުރިއެވެ.