މަޝްވަރާކުރުމެއް ނެތި މުސާރައަށް ބޮޑުކުރި ބައި، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސާއި ނައިބު ރައީސާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖީހުން އިއްޔެ ފާސްކުރުމާ ގުޅިގެން ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ވެރިންގެ މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައި ނުވާނެ ކަމަށެވެ.

"އަދި މުސާރަ ބޮޑުކުރާކަށް ބޭނުމެއް ވެސް ނޫން. އެއްވެސް މަޝްވަރާއެއް ނެތި މި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރަން އަޅުގަނޑު ނިންމައިފިން." ރައީސް ވިދާޅުވިއެވެ.

ރައީސާއި ނައިބު ރަައީސްގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރަ އަކީ މިހާރު މަހަކު 100،000ރ. އެވެ. އަދި ނައިބު ރައީސްގެ މުސާރަ އަކީ މަހަކު 75،000ރ. އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ފާސްކޮށްފައި ވަނީް ރައީސްގެ އަސާސީ މުސާރަ 120،000ރ. އަށް ބޮޑު ކުރުމަށާއި، ނާއިބުގެ އަސާސީ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުމެވެ.

މުސާރަ އާއި އެލަވަންސްތަކުގެ ގޮތުގައި ވަޒީރުންނަށް މަހަކު މިހާރު ލިބެނީ 66،000ރ. އެވެ.