މީގެ ކުރީންވެސް އަމިއްލަފުޅަށް މުސާރަތައް ކަނޑައަޅުއްވައި، ދައުލަތަށް ނުކަތާވަރުގެ ބޮޑު މުސާރައާއި އިނާޔަތްތައް ނަންގަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެ ބޭފުޅުންނަށް މިހާރު ލިބިވަޑައިގަންނަވާ ކުޑަ މުސާރަފުޅުން ނުފުދޭތީ މުސާރައާއި އެލަވަންސާއެކު މަހަކު ގެއަށް ގެންދާން ލިބޭ މިންވަރު 100،000 ރުފިޔާއަށް ބޮޑުކުރާން މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ. 

ދިވެހިރާއްޖޭގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދައުލަތް އިނދަޖެހުމުގެ ބިރާ ކުރިމަތިވެފައިވާ މިދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިފަހަރު ފާސްކޮށްފައިވަނީ މަޖިލީސް މެންބަރުންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި، މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައްވެސް ބޮޑުކުރުމަށެވެ.

މަޖިލީހުގެ މެންބަރުންނަށް މިހާރުވެސް ޖުމްލަ 82،500 ރުފިޔާ ލިބެއެވެ. މިހާރު ކޮމިޓީން ފާސްކުރި ބޮޑު މުސާރައާއި ކޮމިޓީ އެލަވަންސަށް ލިބޭ 20،000 ރުފިޔާއާއެކު އެ ޢިއްޒަތްތެރި މެންބަރުންގެ މުސާރަ މަހަކު 100،000 ރުފިޔާއަށް އަރައެވެ. 

އަމިއްލަފުޅު މުސާރަ ބޮޑުކުރާން މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ އެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. އެއާއެކު، މާލިއްޔަތު ކޮމިޓީން މި ނިންމުން ފާސްކޮށްފައި ވަނީ ޙާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. އަދި މި މުސާރަ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދޭން ފެށުމަށް ފެންނަކަމަށް ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ހުށަހެޅުއްވުމުންވެސް އެމްޑީޕީގެ ސުޕަމެޖޯރިޓީ ކޮމިޓީން ވަނީ، ތަޅުމުން ފާސްވެއްޖެ ނަމަ، މިހާރު ތިއްބެވި މެންބަރުންނަށްވެސް ބޮޑު މުސާރަ ދޭން ޖެހޭނޭކަމަށް ފާސްކޮށްފައެވެ.