ކަނޑުގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްްޔާގެ އޮފީހުން އާންމުކޮށްފިއެވެ.

ރައީސް ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2023ގައި ފޮނުއްވާފައިވާ ސިޓއަށް ބަލާއިރު، އެ ސިޓީ އަކީ 24 ޖޫން 2022ގައި ރުވާންޑާގައި ބޭއްވުނު ކޮމަންވެލްތްގެ ހެޑްސް އޮފް ގަވަރމަންޓް މީޓިންގެ ހަވާސާގައި މޮރިޝަސްގެ ބޮޑުވަޒީރާއެކު ރައީސް ސޯލިޙް ދެއްކެވި ވާހަކަފުޅަކަށް ޙަވާލާދެއްވައި ފޮނުއްވާފައިވާ ސިޓީއެއްކަން ހާމަވެއެވެ.

ނަމަވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާކުރައްވާފައިވާ ކަންކަމާ ގުޅޭ ގޮތުން އެއްވެސް އިރެއްގައި އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރެކޯޑުތަކުން ފެންނަން ނެތް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި އދގެ ޖެނެރަލް އެސެމްބްލީގެ "އެޑްވައިސަރީ އޮޕިނިއަން އޮފް ދަ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއެންސް އޮފް ދަސެޕަރޭޝަން އޮފް ޗާގޮސް އާރޗެޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ރެޒޮލޫޝަންއަށް މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން ވޯޓުދޭނެ ކަމުގެ ޔަޤީންކަމާ ގުޅިގެން، ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް ރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެން މޮރިޝަސްގެ ފަރާތުން އިޢުތިރާޟެއް ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނޭކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓ ފުޅުގައި ބަޔާންކުރައްވާފައިވީ ނަމަވެސް، އެ މައްސަލަ އާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާކަން ރެކޯޑުތަކުން ފެންނަން ނެތް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސްގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2023ގައި ފޮނުއްވާފައިވާ ސިޓީގައިވާ ޢިބާރާތަށް ބަލާއިރު ރާއްޖެއިން މޮރިޝަސްއަށް މި ސިޓީ ފޮނުވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ކަމުގައިވީ ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒު ވިކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނަން ނެތް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.