ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައިފިއެވެ.

އެ މަޖިލީހުން ނެރުނު ފަތުވާގައި ބުނީ ގައުމީ ސަލާމް ކިޔުމާއި ގައުމީ ދިދައަށް ސަލާމް ކުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ތެދުވެ ހުރުމާއި ގައުމީ ސަލާމް ކިޔާ ވަގުތު މޭމަތީގައި އަތް ބޭއްވުމަކީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އެއްވެސް އަޅުކަމަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އެއީ އާދަތަކާ ގުޅިފައިވާ ކަމެއް ކަމަށާއި އާދަތަކުގެ އަސްލަކީ ހުއްދަވުން ކަމަށް އެ މަޖިލީހުން ބުންޏެވެ.

"އާދަކާދައާ ގުޅޭ ކަމެއް ހަރާމް ކަމަށް ކަނޑައެޅޭނީ ސަރީހަ ދަލީލަކުން ސާބިތުވުމުންނެވެ. އެހެންކަމުން. މަތީގައި ބަޔާންކުރެވުނު މައްސަލަ ދިރާސާކުރުމުން އެނގި ހާމަވީ މިކަން ހަރާމް ކުރާނެ ސަރީހަ ދަލީލެއް ނެތުމުން މިއީ ހުއްދަ ކަމެއް ކަމުގަ އެވެ،" ފަތުވާގައި ވެއެވެ.

ގައުމީ ސަލާމް ކިޔުމަކީ ހުއްދަ ކަމެއް ކަމުގައި ފަތުވާ މަޖިލީހުން ކަނޑައެޅިއިރު، ގައުމިއްޔަތަށް ލޯބި ޖެއްސުމަށް، ސްކޫލުތަކުގެ ކިޔެވުން ގައުމީ ސަލާމުން ފަށާ ގޮތަށް އާ ސަރުކާރުގެ ކެބިނެޓުން ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ނިންމައިފައެވެ.