މިހާރު މިއޮތް ރައްޔިތުންގެ މަޖުލީހަކީ ފަސް އަހަރުގެ ދައުރު ހަމަވާން އެންމެ ތިން ވަރަކަށް މަހަށް ވެފައިވާ މަޖުލީހެކެވެ. ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުން ހޮވާފައިވާ ރައީސަކު މިފަދަ މަޖުލީހަކުން އަޒުލު ކުރަން އުޅުމަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާއި ޚިލާފް، އަދި ބުއްދީގެ ހަމަތަކާއި ފުށުއަރާ ކަމެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 5 އަހަރުގެ ދައުރަށް އެންމެ 30 ވަރަކަށް ދުވަސް ވެފައި ވަނިކޮށް، އަދި، ރައީސަކު އަޒުލު ކުރާވަރުގެ އެއްވެސް ބޮޑު ކަމެއް މިސަރުކާރުން ކޮށްފައި ނުވާ އިރު، ކުދިކުދި އުޒުރު ދައްކައިގެން ރައީސް ޑރ. މުއިއްޒު އަޒުލު ކުރަން، އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މަޖުލީހުން، ރާވަމުންދާ ކަމީ އެންމެންނަށް ވެސް ފެންނަން އޮތް ހަޤީގަތެކެވެ.

ރައީސް އަޒުލު ކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހަޅާނެ ކަމުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ ވިދާޅުވެފައެވެ. މިކަމާ ދެކޮޅަށް ޑިމޮކްރެޓްސް ޕާރޓީގެ މެމްބަރުން މަޖުލީހުގައި ވާހަކަ ދެއްކެވިއަސް، އަޑިއަޑިން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާރޓީ ވެސް އޮތީ ރައީސް އަޒުލު ކުރުމަށް ރުހިގެން ކަމަށް ފެނެއެވެ.

ކުރީގެ ރައީސް ޔާމިން އާއި ޑރ. މުއިއްޒާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ތެރެއިން ރައީސް ޔާމިން އައު ޕާރޓީއެއް އުފައްދަވައިގެން، މުޙައްމަދު މަލީހު ޖަމާލާއި ޑރ. މުހައްމަދު ޖަމީލް ކުރިއަށް ނެރުއްވައިގެން ކުރައްވާ ސިޔާސީ މަސައްކަތުގައި ރައީސް ޔާމީން ވެސް ހުންނަވާނީ ޑރ. މުއިއްޒު އަޒުލު ކުރުމަށް ހިތްވަރު ދެއްވައިގެންކަން ކަށަވަރެވެ.

މިކަމަށް އެންމެ ހިތްވަރުދީ، ސޯޝަލް މީޑިއާގައި ނަގާކިޔާ ފަރާތަކީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓެވެ. މި އެކައުންޓުގެ ފަހަތުގައި ވަނީ ދިޔަރެސްގެ ނޫސްވެރިޔާ އަޒާންއާއި ރައީސް ނަޝީދު ކަމަށް ވާހަކަ ދެކެވެއެވެ. އަޒާން ހުރީ ޕީއެންސީގެ ޓިކެޓުގައި މަޖުލީހަށް ވާދަކުރާ ގޮތަށް ކަމުގައި ވިއަސް ފަރުދާގެ ފުރަގަހުން ރައީސް ޔާމިނާއި އޮތް ގުޅުމުގެ ތެރެއިން ރައީސް މުއިއްޒު އަޒުލުކުރުމުގެ ގޭސްގަނޑު ކެއްކުމުގައި ހަސަން ކުރުސީ ވަރަށް މަސައްކަތް އެބަކުރެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ރާއްޖޭން ބޭރުގައި އެހުންނެވި ތަނެއްގައި ހުންނަވައިގެން، ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި މަޖުލިސް ރައީސް މުހައްމަދު އަސްލަމާއި ގުޅިގެން ރައީސް ޑރ. މުއިއްޒު އަޒުލު ކުރަން މިވަރަށް މިމަސްކަތް ކުރާ ސަބަބަކީ ރައްޔިތުންގެ މަޖުލިސް އިންތިޚާބް ބޭއްވޭ އިރު ރާއްޖޭގެ ރައީސަކަށް އެމްޑީޕީގެ މުހައްމަދު އަސްލަމް ބަހައްޓައިގެން މަޖުލިހުގެ މެޖޯރިޓީ ނެގުމެވެ. މަޖުލިހުގެ މެޖޯރިޓީ އެމްޑީޕީއަށް މިފަހަރު ނުލިބިއްޖެ ނަމަ އެމްޑީޕީގެ ވަސް ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުން ފޮހެވިގެން ދާނެއެވެ. މި މަސައްކަތުގައި އެމްޑީޕީއަށް ހުރިހާ ހިތްވަރަކާއި ފަންޑިންގެއް ދެނީ އިންޑިއާއިން ކަމަށް ތުހުމަތުކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރޭން-- ފޮޓޯ: ރައީސް އޮފީސް

 

އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތާއި، ރައްޖޭގެ ކަނޑު އަޑީގެ ޗާރޓު ކުރަހަން އިންޑިއާއާއި އެކު ރައީސް ސޯލިހުގެ ވެރިކަމުގައި ހެދި އެއްބަސްވުން އާނުކުރުމަށް މިސަރުކާރުން ނިންމާފައިވާ ނިންމުމާއި، އިންޑިއާ ލޭބަރުން އެކަނި ރާއްޖެ ގެނެވޭގޮތަށް ޤަވާއިދު ބަަދަލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ބަންގްލަދޭޝް މީހުންވެސް ގެނެވޭ ގޮތަށް ޑރ. މުއިއްޒުގެ ސަރުކާރުން ހެދުމުން އިންޑިއާގެ ހުރިހާ ރޭވުމެއް ވަނީ ފެނަށް ގޮސްފައެވެ. އިންޑިއާގެ ހެލިކޮޕްޓަރާއި ދޯނިއާ މަތިންދާ ބޯޓު ވެސް، ބަލި މީހުން އުފުލަން ބޭނުން ނުކުރުމަށް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ބަދަލުގައި އެއާރ އެމްބިއުލާންސެއް ގެނެސްގެން އެހިދުމަތް ދިނުމަށް ރޭވިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިހުރިހާ ސަބަބަކާ ހުރެ އިންޑިއާއިން މަރުފަލި ޖަހަމުން ދަނީ ރައީސް ޑރ. މުއިއްޒު އަޒުލު ކޮށް އެމްޑީޕީގެ ވެރިކަމެއް، ވަގުތީގޮތުން ނަމަވެސް، ކުރިއަށް މިއޮތް ދެތިން މަސް ތެރޭ ޤާއިމް ކުރެވޭތޯއެވެ.

ބަރަހާނާ ވެބްސައިޓުތަކަށް އިންޓަރނެޓު މެދުވެރިކޮށް ނުވަދެވޭ ގޮތަށް ހެދުމުގެ މަސައްކަތް ފެއްޓުމާއި، ރައްޔިތުން ފަރުޟު ފަސްނަމާދު ކުރަން ރައީސްގެ ތަގްރީރުތަކުގައި ބާރު އެޅުއްވުމާއި، ދިވެހިންނަކީ އައުރަނިވާ ކުރާ، އިއްފަތްތެރި، ދީންވެރި، ތަހުޒީބީ މުޖުތަމައުއަކަށް ހެދުމަށް ދުމަށް ރައީސް ކުރައްވާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ލާދީނީ ފަރާތްތަކުން ވަރަށް ބޮޑަށް މޭކަރައި، މިކަން ހުއްޓުމުވަށް ގިނަ ޕްރޮޕެެގެންޑާތަކެއް ދަނީ ފަތުރަމުންވެ. އިންޑިއާއާއި ދުރަށް ޖެހި ތުރުކީ އާއި ސައުދިއެރެބިއާ އާއި ޔޫއޭއީ ފަދަ އިސްލާމީ ޤައުމުތަކާއި ގާތްވުމަށް މިސަރުކާރުން މަސައްކަތް ކުރާތީވެސް އެމްޑީޕީއާއި އިންޑިއާ ވަނީ އިންތިހާއަށް ނުތަނަވަސް ވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު-- ފޮޓޯ: މަޖްލިސް

 

މަޖުލިހުގެ ޖުމްލަ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ކަނޑައެޅިފައި ވަނިކޮށް، ވަގުތީ ގޮތުން މަޖުލިހުން ހަތް މެމްބަރަކު އިސްތިއުފާ ދެއްވުމުން މަޖުލިހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ކަނޑައަޅައި، އެމްޑީޕީގެ 56 މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސް އަޒުލު ކުރެވޭ ގޮތަށް މަޖުލިހުގެ ޤަވާއިދު، އިހަކަށް ދުވަހު، އިސްލާހު ކުރީ ޤާނޫނުއަސާސީއާއި ޚިލާފަށެވެ. ރައްޔިތުންގެ އަޣުލަބިއްޔަތުން މީގެ 30 ވަރަކަށް ދުވަސް ކުރިން ހޮވި ރައީސުލްޖުމްހޫރިއްޔާ އަކު، އެއްވެސް ޖާއިޒު ސަބަބެއް ނެތި، ސިޔާސީ މަޤްސަދެއްގައި، މިހާ ކުއްލި ގޮތަކަށް އަޒުލު ކުރަން އުޅުމަކީ، ގެރެންޓީ ހަމަވާން ކައިރިވެފައިވާ މަޖުލީހަކުން ކުރަން އުޅޭ ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެކެވެ. އެމްޑީޕީ އިން މިވަރުގެ ކަމެއް ކުރަން އުޅޭ އިރު ސަރުކާރާއި ރައްޔިތުން ވެސް ބަލަން ނުތިބޭނެއެވެ. މިހާރު މިއޮތް މަޖުލީހަކީ "ރައްޔިތުންގެ" މަޖުލީހަކަށް ވުރެ ބޮޑަށް "އިންޑިއާގެ" މަޖުލީހެކެެވެ. ޤައުމު ބަނގުރޫޓުކޮށް އިންދަޖައްސާލާފައި ރައީސް ސޯލިހު ވަޑައިގެން ފިއްލަވާފައި ހުންނަވައި، އިންޑިއާ އާއި ގުޅިގެން، ރައީސް ނަޝީދުގެ ތާއީދާއި ވެސް އެކު، ބޭރުގެ ލާދީނީ ފަރާތްތަކުން ތާއީދާއި ފަންޑިންގ ހޯދައިގެން މިކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ކޯތާފަތް މަތީގައި ޖަހަން ތައްޔާރުވާ ތަފާއްޔެކެވެ. މިއީ ރައްޔިތުންގެ ގުދާރުގައި ކޮޅުފައިން ޖެހުމެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ވެސް މައްސަލަތައް އެބަހުއްޓެވެ. އެފަދަ މައްސަލަތަކަށް ފާޑުވެސް ކިޔޭނެއެވެ. ނަމަވެސް ޤާނޫނީ ސަރުކާރެއް މިހަކަހަލަ ފިނޑި ގޮތަކަށް ވައްޓާލަން ފުރުސަތު ދެވިގެން ނުވާނެއެވެ.

އެމްޑީޕީ އިން މި ރާވާ ފިނޑި އަމަލު ހުއްޓުވޭނީ ކުއްލި ނުރައްކަލުގެ (އިމަޖެންސީ) ޤާނޫނު ހިންގައިގެން، މަޖުލިސް ސަސްޕެންޑް ކޮށްގެން ކަމުގައިވާ ނަމަ އެކަން ވެސް ރައީސް ޑރ. މުއިއްޒު ކުރައްވަން ޖެހެއެވެ. މިއީ ބޭރު ޤައުމެއްގެ ސިފައިންނާއި ގުޅިގެން ދިވެހި ދައުލަތުގެ ބާރު ކަނޑުވާލަން ސިޔާސީ ޕާރޓީ އަކުން ކުރާން އުޅޭ ފިނޑި އަމަލެއް ނަމަ މިކަން ވަގުތުން ހުއްޓުވަން ޖެހެއެވެ. މިއީ ދިވެހި ޤައުމަށް ވެސް، އަދި ދިވެހި ރައްޔިތުންނަށް ވެސް، އަދި ދިވެހީންގެ ދީނަށް ވެސް ފައިދާ ހުރި ކަމެއް ނޫނެވެ. ފުށިދިއްގަރު ފަޅު ވެސް ހިއްކަން ފަށައިފިއެވެ. އެމްޑީޕީ އިން ބަޖެޓާއި ކުޅެގެން އެކަން ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ދިވެހީންނަކީ ދީންވެރި، ތަހުޒީބު ބަޔަކަށް ހެދުމަށް މިސަރުކާރުން ކުރާ މަސައްކަތާއި މެދު ހަސަދަވެރިވެ އެކަން ހުއްޓުވަން އުޅޭ ބަޔާކާއި ދެކޮޅަށް ރައްޔިތުންނާއި ސަރުކާރު ތެދުވަން ޖެހެއެވެ. އެއީ އިމަޖެންސީ ޤާނޫނު ހިންގައިގެން ކަމުގައި ވިއަސްއެވެ. އެމްޑީޕީ އެވެ! އިންޝާ ﷲ، ތިކަމެއް ނުވާނެއެވެ.