"ރަސްމާލެ" ނަންދީގެން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަޝްރޫއު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ފަޅުގައި އޮތް ދޯންޏެއްގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. އަލަށް ތަރައްގީކުރާ ސިޓީގެ ބޮޑުމިން ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އަށް މަސް ދުވަހުގެ ތެރޭގައި އެ ބޮޑު ފަޅު ހިއްކައި ނިމުމުން މުޅި ހުޅުމާލޭގެ ތިން ގުނަ ބޮޑުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެ މަޝްރޫއާއެކު މާލޭގެ ރައްޔިތުންނަށް ޒަމާންތަކެއް ވަންދެން ދިމާވަމުން ދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން މާލޭގައި އުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސޭފް އައިލެންޑް ކޮންސެޕްޓަށް ތަރައްގީކުރާ، 1153 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.