އާ ސަރުކާރުން އައްޔަނުކުރި ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ ކޮމިޓީން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށް ކަނޑައަޅައި، އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

އެގޮތަށް ނިންމީ މިނިސްޓްރީތަކުގެ މެންޑޭޓް ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާތީ ކަމަށް ބުންޏެވެ.

ކެބިނެޓްގެ 22 ވަޒީރުންނަށް ރުހުން ދިނުން މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްޖަލްސާ ފެށުމާ އެކު ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން ނިޒާމީ ނުކުތާއެއް ނަންގަވައި، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ހ. އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުފައްދާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އޭނަ ވިދާޅުވީ މިނިސްޓްރީތަކުގެ މެންޑޭޓްތައް ފާސްނުކޮށް، އެ މިނިސްޓްރީތަކުގެ ޒިންމާތައް މިނިސްޓަރަކަށް އަދާކުރެއްވޭނެކަމުގެ ގާބިލުކަން މަޖިލީހަކަށް ވަޒަނެއް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އައްޔަންކޮށްފައިވާ ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވިދާޅުވިއެވެ.