ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަޒީފާ ލިބޭނެ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ވަޒީފާ ލިބޭނެ ސިޔާސަތެއް ކަނޑައެޅުއްވުމާއިއެކު ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި އޮފީސްތަކާއި ވުޒާރާތަކުން އެކަން ކުރިއަށްގެންދާނެކަމަށެވެ.

ފުޅާދާއިރާގައި ކުރެވޭނެ ކަމަކަށް ވީމަ ކަމާގުޅޭ އެހެނިހެން މިނިސްޓްރީތަކުގެ މަޝްވަރާއާއި ލަފާގެ މަތިން މި ސިޔާސަތަށް އިތުރުކުރެވޭނެ ބައިތައް މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ވަނީ އިތުރުކުރައްވާފައިވާ ކަމަށްވެސް ޝަހީބު ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިވާނެ ގޮތަށް ޕްލޭނިން އަދި ކޮންސްޓްރަކްޝަނާ ގުޅޭ ގަވާއިދުތަކަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ގެންނެވުމަށްޓަކައިވެސް ވަނީ ނިންމަވާފައި، ބައެއް އޮފީސްތަކުގައި އަރާ ފޭބުމަށް ސިޑިފަދަ ދަތިކަންކަމާއި އެކަށީގެންވާ ގޮތަކަށް ފުރޮޅުލީ ގޮނޑިއަށް ނުވަދެވޭ ގޮތަށް، އެހާ ފަސޭހަކަމެއް ނެތްގޮތަށް ހުރި ތަންތަނުގެ ކަންތައްތައް ވީއެންމެ އަވަސް ކުރު މުއްދަތެއްގެ ތެރޭގައި ހައްލު ހޯއްދެވުމަށް ނިންމަވާފައިވަކަންވެސް ޝަހީބު ވިދާޅުވިއެވެ.