ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ގެންނަ އިސްލާހުތަކަކީ، މަޖިލިސް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކުރާ ކަމެއް ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އާންމު ކޮމިޓީއަށް ޝިފާއު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ މި ދައުރުގައި ކުރިއަށް އޮތް މުއްދަތަށް މެންބަރުންގެ ޖުމްލަ އަދަދު ކަމަށް ގުނާނީ އެ ވަގުތު މަޖިލީހުގެ މެންބަރު ކަމުގައި ދެމިތިބި މެންބަރުންގެ ޖުމްލަ އަދަދަށެވެ. އެއީ އާ ސަރުކާރާ ގުޅިވަޑައިގަނަވަން މަޖިލީހުން ވަކިވެވަޑައިގެންނެވި ހަތް މެންބަރުން ނުހިމަނައި 80 މެންބަރުންނެވެ.

ޝިފާއު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ޖުމްލަ އަދަދު މާނަ ކުރާ ގޮތަށެވެ. އެގޮތުން، އޭނާ ހުށަހެޅުއްވި އިސްލާހަކީ މަޖިލީހުގެ ޖުމްލަ އަދަދު ގުނުމުގައި ބަލާނީ، އެ ވަގުތަކު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަށް ކަމަށެވެ. އާ ސަރުކާރުގެ ކެބިނެޓާއި ބައެއް އިސް މަގާމުތަކާ ހަވާލުވުމަށް ޕީޕީއެމް-ޕީއެންސީ އާއި އެމްއެންޕީގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވުމުން މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދަކީ 80 އެވެ. އެހެންކަމުން، ޝިފާއުގެ އިސްލާހު ތަޅުމުން ފާސްވެއްޖެ ނަމަ، މަޖިލީހުގެ ތިން ބައިކުޅަ ދެ ބަޔަކަށް ވާނީ 54 މެންބަރުންގެ ވޯޓެވެ. އެހެންކަމުން، ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމާއި އެ ނޫން ވެސް ކަންކަމުގައި ނަގާ ވޯޓުތަކުގައި ޖުމްލަ އަދަދު 80 އިން ގުނުމުން، އެމްޑީޕީގެ 55 މެންބަރުންގެ ވޯޓާ އެކު ފަސޭހައިން ފާސްވުމުގެ ފުރުސަތު އޮންނާނެއެވެ.

އެހެންވެ، މި އިސްލާހަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވައްޓާލަން އެމްޑީޕީން ކުރާ މަސައްކަތެއް ކަމަށް ބުނެ ސަރުކާރުގެ ބައެއް ބޭފުޅުން ވަނީ އެމްޑީޕީއަށް ފާޑުކިޔައިފައެވެ. ނަމަވެސް ޝިފާއު ވިދާޅުވީ ސަރުކާރުގެ ބޭފުޅުން ކަންބޮޑުވެގެން އުޅުއްވާ ފަދަ، ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް، އެއްވެސް މަސައްކަތެއް މިހާތަނަށް އެމްޑީޕީން ނުކުރާ ކަމަށެވެ.

މަޖިލީހުގެ ގިނަ މެންބަރުންގެ ރޫހު މިހާރު ހުރި ގޮތަށް ބަލާއިރު ވެސް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް ކޮންމެހެން ބަދަލެއް ނުގެނެސް ވެސް ރައީސާއި ނައިބު ރައީސް ވަކިކުރަން ބޭނުންވާ ނަމަ އެކަމަށް ތާއިދު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޝިފާއު ވިދާޅުވިއެވެ.