ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވާލެވިފައިވާ ދޮރުތަކެއް ނަމަވެސް އެއީ ރާއްޖޭގެ ގާނޫނު ވެސް މަނާ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެފަދަ ނާތަހުޒީބު ދޮރުތައް ބަންދުކުރުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޒަމާނީ ދިރާސާތަކުން ދައްކާ ގޮތުގައި އެ ފަދަ ވެބްސައިޓުތަކަށް ދެވި ހިފުމަކީ އިންސާނުންގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލައި ލޮޑުކޮށް، އުފެއްދުންތެރިކަން މަރާލާ ކަމެއް ކަމަށެވެ.

ޕޯން ވެބްސައިޓުތަކަށް ވަނުމަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކުރުން ފަދަ އެތައް ސަބަބެއް ކުރިމަތިވާ ކަމަކަށްވާތީ ގައުމާއި މުޅި އިންސާނިއްޔާތު ސަލާމަތްކުރުމަށްޓަކައި، އެމަނިކުފާނު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި،" ރައީސް ވިދާޅުވިއެވެ.

އެހެންވެ ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވޭ ހުރިހާ ދޮރެއްގައި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.