ދަރިމައިވުމުގެ ފަރުވާއާއި އާއި އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފެށުމަށް އާސަންދަ ޤަވާއިދަށް އިސްލާހު ގެނެސް އޭގެ ތެރެއިން މިއަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާ އާސަންދަ ތެރެއިން ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ ހަފްތާ-14 އިގެ މަސައްކަތުގެ ތަފްސީލުތައް ހާމަކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ، މިއަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާ އާސަންދަ ތެރެއިން ލިބިގެންދާނެ ކަމަށެވެ. މީގެ ތެރޭގައި ޕީސީއޯއެސް އަދި އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކަށް ދެވޭ ފަރުވާވެސް ހިމެނިގެންދާ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

މިވަގުތު އައިވީއެފް ޚިދުމަތް ރާއްޖެއިން ލިބެނީ ޕްރައިވެޓް ސެކްޓަރގެ ތެރއިންކަން ފާހަގަކޮށް ސަރުކާރުން ބުނީ، މިހާރު ސިޔާސަތުތައް ރޭވިފައިވާ ގޮތުން، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އައިޖީއެމްއެޗްގައި އެ ޚިދުމަތް ޤާއިމްކޮށް ފަރުވާ ދިނުމަށް މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ކޮންމެ މީހަކަށްވެސް އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު މިހާރު އާސަންދައިގެ ތެރެއިން މަގުފަހިވެފައިވާއިރު، ކުރިއަށް އޮތް ހަފްތާ ތެރޭގައި އުމުރުފުރާތަކަށް ބެހި އާސަންދައިގެން ތެރެއިން ޕެކޭޖްތަކެއްގެ ތެރެއިން އެ ޙިދުމަތް ފެށިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ދަރިމައިވުމުގެ ފަރުވާއަަށް އާސަންދަ ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސިއްހީ ދާއިރާއިން ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރެއިން، ފުރަތަމަ 100 ދުވަހުގެ ޕްލޭން "ހަފުތާ 14"ގައި ކުރަން ކަނޑައަޅާފައިވާ ކަމެކެވެ.