ރާއްޖޭގެ ރައީސްކަމާ ހަވާލުވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއާއި ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހު ދުބާއީ އަށް ވެސް އެ މަނިކުފާނާއި ސަރުކާރުގެ އިސް ވަފުދެއް ވަޑައިގަތެވެ.

ރައީސް އޮފީހުން ހާމަކުރި އެ ދަތުރުފުޅުތަކުގެ ތަފުސީލުގައިވާ ގޮތުން ދައުލަތުން ހަރަދުކުރީ 3.4 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދުވީ ޓިކެޓަށެވެ. ޓިކެޓުތަކަށް އެކަނި 2.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، 28 ބޭފުޅުން ބައިވެރިވެވަޑައިގަތް އެ ދަތުރުފުޅުގައި ތުރުކީ ސަރުކާރުން އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ހަރަދުތައް ހަމަޖައްސައި ދިނަސް، ދުބާއީ ދަތުރުފުޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުން އެ އިންތިޒާމު ހަމަޖައްސައިދިނީ 10 ބޭފުޅަކަށެވެ. އެހެންވެ، ދުބާއީ ދަތުރުފުޅުގައި އެކޮމޮޑޭޝަނާއި ފަރިއްކޮޅާއި އެތެރޭގެ ދަތުރުތަކަށް 775،000ރ. ދައުލަތުން ހަރަދުކުރި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.