އޮކްޓޯބަރު 7، 2023 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ސަޙްޔޫނީ ނިރުބަވެރި ދައުލަތުން ފަލަސްޠީނުގެ ޣައްޒާއަށް އެއްގަމާއި، ކަނޑާއި ވައިގެ މަގުން ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގެ، ފުރަތަމަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާއިން އުފައްދާފައިވާ 22،000އަށް ވުރެ ގިނަ ބޮން އިޒްރޭލުން ބޭނުންކޮށްފައިވާކަމަށް، އިންޓެލިޖެންސް ރިޕޯޓްތަކާ ހަވާލާދީ ވޮޝިންގޓަން ޕޯސްޓުން ބުނެފިއެވެ. 

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ފެށުމާއެކު ފުރަތަމަ 6 ހަފްތާ ތެރޭގައި އެމެރިކާއިން ވަނީ، އިޒްރޭލަށް 15,000 ބޮން ފޮނުވައިފައެވެ. އޭގެ ތެރޭގައި ޢާންމުކޮށްވެސް ހަނގުރާމައިގެ ތެރޭގައި ޣައްޒާފަދަ އާދަޔާ ޚިލާފަށް ތޮއްޖެހިފައިވާ، އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ބޭނުން ނުކުރާ، ބާވަތެއް ކަމަށްވާ 2،000 ޕައުންޑުގެ "ބަންކަ ބަސްޓަރސް"ވެސް ހިމެނޭކަމަށް ވެއެވެ.  

ތަޖްރިބާކާރުން ލަފާކުރާގޮތުން، މިއީ ރަނގަޅު އަދަދެއްކަމަށް ވާނަމަ، ޣައްޒާގެ އާބާދީގެ ކޮންމެ 100 މީހަކަށް އަމާޒުކޮށް، އިޒްރޭލުން ވަނީ އެމެރިކާއިން ފޯރުކޮށްދީފައިވާ ބޮން އަޅައިފައެވެ. މިއީ މިފަދަ ކުރު މުއްދަތެއްގެ ތެރޭގައި، ދުނިޔޭގައި ހިނގި އެންމެ ބޮޑެތި ހަނގުރާމަތަކަށް ބަލާއިރުވެސް އާދަޔާ ޚިލާފަށް ގިނަ ޢަދަދެއް ކަމަށް ތަޖްރިބާކާރުން ބުނެއެވެ. 

މިފަހަރުގެ ހަމަލާތައް ފެށިފަހުން މިހާތަނަށް އިޒްރޭލުން ޣައްޒާއަށް އެޅި ބޮމުގެ ޢަދަދު ޢާންމުކޮށް ފެންނާން ނެތަސް، ޣާއްޒާގައި އިޒްރޭލުގެ ޓެރަރިސްޓު އަސްކަރިއްޔާއިން ހިންގަމުންދާ އަނިޔާވެރި ޤަތުލުޢާންމުތަކަށް އެމެރިކާއިން ވަމުންދާ އިންތިހާއީ މަދަދުވެރިކަން ފެންނާން އެބަ އޮތްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ. 

އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން ވަނީ ޣައްޒާގެ ބޮޑުބައެއް ވީރާނާކޮށްލައި، 18،000އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައި-- ފޮޓޯ: ގެޓީ އިމޭޖަސް

 

އިޒްރޭލުގެ އަސްކަރިއްޔާއިން މީގެ ކުރީން ހާމަކޮށްފައިވާގޮތުން، ހަނގުރާމައިގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވެސް ޣައްޒާއަށް 6،000 ބޮންއަޅާފައި ވެއެވެ. އަދި ހަމަލާތަކުގައި އެތަކެއް ހާސް މައުސޫމު ޢަންމު ރައްޔިތުންނާއި ކުޑަކުދީންނާއި އަންހެނުން ޝަހީދުކޮށްލާފައި ވާއިރު، ފުރަތަމަ 24 ދުވަހުގެ ތެރޭގައި 10،000އަށް ވުރެ ގިނަ ބޮމާއި މިސައިލް ހަމަ އެކަނި ޣައްޒާއަށް ފޮނުވާލާފައިވާކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. 

ޔޫރޯ މެޑިޓަރޭނިއަން ހިއުމަންރައިޓްސް މޮނިޓަރގެ ޑޭޓާތަކުން ދައްކާގޮތުން، 7 އޮކްޓޫބަރުން 2 ނޮވެމްބަރާ ހަމައަށް އިޒްރޭލުން ވަނީ، 25،000 މެޓްރިކް ޓަނުގެ ގޮވާތަކެތި ޣައްޒާއަށް އަޅައިފައެވެ. މިއީ ނިސްބަތުން 1945 ވަނަ އަހަރު ޖަޕާނުގެ ހީރޯޝީމާއަށް އެމެރިކާއިން އެޅި ނިއުކްލިއަރ ބޮމަށްވުރެ ބާރުގަދަ މިންވަރެކެވެ.

އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކު އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ އަނިޔާވެރި ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 18،000 ރައްޔިތުން ޝަހީދުކޮށްލާފައި ވާއިރު، އޭގެ ތެރޭގައި 7729 ކުޑަކުދީން ހިމެނެއެވެ. އަދި 50،000އާ ގާތްކުރާ ޢަދަދެއްގެ މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު، ޣައްޒާގެ ސްކޫލްތަކާއި މިސްކިތްތަކާއި ހޮސްޕިޓަލްތައް ހިމެނޭހެން މުހިއްމު އެތަކެއް ޢިމާރާތްތައް ވަނީ، ބިމާ ހަމަކޮށްފައެވެ. 

އިޒްރޭލުން އިންސާނިއް ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ގާނޫނުތަކާ ޚިލާފަށް ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢުދުވާނުތައް ރަނގަޅަށް މޮނިޓަރ ނުކުރެވޭ ކަމަށާއި އަދި އިޒްރޭލުން ޣައްޒާގައި ލާއިންސާނީ އެތަކެއް ޖަރީމާތަކާއި، ހަނގުރާމައިގެ ކުށްތަކަށް އަރައިގަންނަކަން އެނގޭކަމަށް އެމެރިކާ ސަރުކާރުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް މިހާރުވެސް އެމެރިކާގެ ކޮންގްރެސްއިން ވަނީ، އިޒްރޭލަށް އިތުރު 106 މިލިއަން ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދިނުމަށް ނިންމައިފައެވެ.