އިޒްރޭލާ ފަލަސްޠީނުގެ މައްސަލައިގައި ދިވެހިރާއްޖޭން ގަބޫލުކުރާ ހަމައެކަނި ދާއިމީ ހައްލަކީ، ފަލަސްތީނުގެ މިނިވަން އިސްތިޤުލާލީ ދައުލަތެއް ގާއިމްކުރުންކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖް މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ. 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ (ޔޫޑީއެޗްއާރް)އަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ސްވިޒަރލެންޑްގެ ޖެނީވާގައި ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ހަވާސާގައި ފަލަސްޠީނުގެ ދާއިމީ މިޝަނުން އަންގާރަ ދުވަހު އިންތިޒާމްކުރި ޚަރަކާތެއްގައި ރާއްޖެ ތަމްޘީލުކުރައްވަމުން، އެމްބެސެޑަރ އެޓް ލާޖް މުންދު ވިދާޅުވީ، ސުލްޙަ ޤާއިމުކުރުމުގައި ދާއިމީ ޙައްލަކަށް ދާންޖެހޭނީ ފަލަސްޠީނުގެ މިނިވަން އިސްތިގުލާލީ ދައުލަތެއް ޤާއިމުކުރުމާ އެކު ކަމަށެވެ. 

ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ބެލުމެއް ނެތި ބޮންއަޅައި، މުޙިއްމު އިންފްރާސްޓްރަކްޗަރތައް ބިމާހަމަކޮށް، އެތަކެއް ހާސް މައުސޫމު ރައްޔިތުން، ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދީން ޝަހީދުކޮށް، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ސަފީރު މުންދު ފާހަގަކުރެއްވިއެވެ. އަދި އިޒްރޭލުން ޤަވާއިދާ ޚިލާފަށް ފަލަސްޠީނުގެ ބިންތައް ހިފުން ނިމުމަކަށް ގެނައުމަށް ގޮވާލައްވައިފައެވެ. އަދި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށް، 1967ގެ ކުރީން އޮތް ގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ބަލައި، މިކަމުގައި ސިޔާސީ ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް ވަރުގަދަ ކުރުމަށް ބައިނަލްއަގްވާމީ މުޖްތަމަޢަށް ސަފީރު ގޮވާލެއްވިއެވެ. އަދި ޣައްޒާގައި ސަޙްޔޫނީ ދައުލަތުން ހިންގަމުންދާ ޢުދުވާންތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ގޮވާލަމުންދާ ގޮވާލުން އޭނާ ތަކުރާރު ކުރެއްވިއެވެ.

ޔޫޑީއެޗްއާރުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ގޮންޖަހާލައި، ފަލަސްޠީނު ނުރައްކާތެރި ހާލަތަކަށް ވައްޓާލައި އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އަސްކަރީ ޖަރީމާތަކުގެ ސަބަބުން، ޔޫޑީއެޗްއާރްއަށް 75 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމަށް ބޭއްވޭ ހަރަކާތްތަކަށް ހިޔަނިއެޅިފައިވާކަމަށްވެސް ރާއްޖޭގެ ފަރާތުން ސަފީރު މުންދު އިއްވި ބަޔާނުގައި ވިދާޅުވިއެވެ. 

ޔޫޑީއެޗްއާރުގެ 75 ވަނަ އަހަރީ ދުވަހާއި ވިއެނާ ޑިކްލެރޭޝަން ޕްރޮގްރާމް އޮފް އެކްޝަންގެ 30 ވަނަ އަހަރީ ދުވަސް ދުނިޔޭގައި ފާހަގަ ކުރަމުންދާއިރު، އަމިއްލައަށް ކަންކަން ނިންމުމުގެ ހައްގު ހިމެނޭ ގޮތަށް، ފަލަސްތީނުގެ ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖޭން ސާބިތުކަމާއެކު ދެމިއޮންނާނޭކަން ސަފީރު ތަކުރާރުކުރެއްވިއެވެ.