އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނިންމަވައިފިއެވެ.

އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް އޭނާ ނިންމައިފި ކަމަށާއި، ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު ދެއްވުމަށް ނުހަނު އިޚްލާޞްތެރިކަމާާއެކު އެދޭކަމަށެވެ.

މިވަގުތު ރާއްޖޭގައި ހުރި ސިޔާސީގޮތުން އެންމެ ބާރުގަދަ އެއް ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އަދުރޭއަކީ މީގެ ކުރީންވެސް ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްޘީލުކުރެއްވި ބޭފުޅެކެވެ.