ދިވެހިރާއްޖޭގައި ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަކެއް ޤާއިމުކުރުމަށާއި، 2028 ވަނަ އަހަރުން ފެށިގެން ޤަވައިދުން 10 ކުދީންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. 

އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު، ސަރުކާރުން ނިންމި މި ނިންމުމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "ހަފުތާ 14"ގައި ހިމެނޭ ކަމެކެވެ.

ތެލަސީމިއާ ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށްފަހު ސަރުކާރުން ނިންމާފައި ވަނީ، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު އެސް.ޓީ.އޯ. މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ހަމަޖެއްސުމަށެވެ. 

މީގެ އިތުރުން، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަމުންދިއުމަށް މިއަދު ނިންމަވާފައިވެއެވެ. އެގޮތުން ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. 

މިހާރު ޕްރައިވެޓް ހެލްތުކެއާރ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓް ކަމަށްވާ "ޓީ 2 ސްޓާރ ޓެސްޓް" ހެދުމަށް ބޭނުންވާ ވަޞީލަތްތައް ދުރު ރާސްތާގައި ސަރުކާރުގެ ހޮސްޕިޓަލުގައި ޤާއިމުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.