އިންސާނީ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް"އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، އިއްޔެ ހަވީރު ސްވިޒަލެންޑުގެ ޖެނީވާއަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކަމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ސްވިޒަލޭންޑްގެ ސަރުކާރާ ގުޅިގެން އިންތިޒާމުކުރާ އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އިންސާނީ ހައްގުތަކުގެ މުސްތަގުބަލު، ތިމާވެށި އަދި މޫސުން" މި މައުޟޫތަކަށް ޚާއްޞަކޮށް ކުރިއަށްގެންދާ ވަށްމޭޒު ބައްދަލުވުމުގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގެން، ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާއި އދ.ގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނައިބު ރައީސް ޖެނީވާއަށް ވަޑައިގަތީ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހުއެވެ.

އެ ފޯރަމް ހުޅުވުމަށް ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ، ރާއްޖޭގެ ތަރައްގީއަށް ޗައިނާއަކީ ވަރަށް މުހިންމު ގައުމެއް ކަމަށާއި ދެ ގައުމުން ވެސް އިޖްތިމާއީ ތަރައްގީއާއި، ސުލްހަމަސަލަސްކަން އަދި ތަނަވަސްކަން އިތުރު ކުރުމުގެ މަގުސަދުގެ ސިޔާސަތެއް ގެންގުޅޭނެ ކަމަށް ވިދާޅުވެފައެވެ.