ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 22 ވަޒީރުންވެސް ޝަރުތު ހަމަވާތީ، އެބޭފުޅުންނަށް ވަކިވަކިން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބާއްވާފައެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މެމްބަރު މުހައްމަދު ފަލާހް ވަނީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އެހެން ގައުމެއްގެ ރައްޔިތުކަން އޮތްތޯ ބަލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ އެ ދެބޭފުޅުންވެސް ވަޒީރުކަމާ ހަވާލުވުމުގެ ކުރިން ބޭރު ގައުމުގައި އޮތް ރައްޔިތުކަން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެއިތުރުން ވަޒީރުކަމަށް އައްޔަނުކުރެވުނު ހުރިހާ ބޭފުޅުންވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތު ހަމަވާކަން ކޮމިޓީގެ މެންބަރު މުހައްމަދު ޝިފާއު ހާމަކުރެއްވިއެވެ. އެހެންކަމުން ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައި މަޖިލީހުގެ ތަޅުމުން ކޮންމެ ވަޒީރަކަށް ވަކިވަކިން ވޯޓަށް އަހައިގެން ރުހުން ދިނުމަށް ޝިފާއު ހުށަހެޅުއްވިއެވެ.