ސާކް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

"ސާކް ޗާޓާ ޑޭ"ގެ މުނާސަބަތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވީ ދެކުނު އޭޝިއާގެ ސަރަޙައްދީ ގުޅުންތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަޙައްދުގެ ހަމަޖެހުމާއި ސުލްޙަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތް ކުރުން މުހިއްމު ކަމަށެވެ. އަދި ސަރަޙައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްގެ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ދެކުނު އޭޝިއާ ސަރަޙައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓަރގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

"ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.