ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ މި މަހުގެ 23 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ރޭ ބޭއްވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ސެނެޓްގެ 6 ވަނަ ބައްދަލުވުމުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ބާއްވާ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ބުރާސްފަތި ދުވަހު ހުޅުވާލާނެ ކަމަށާއި ޕްރައިމަރީ ބާއްވަން ސެނެޓުން ނިންމީ މިމަހު 23 ވަނަ ދުވަހުގައި ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރެވޭނީ އަދި ޕްރައިމަރީގައި ވޯޓު ލެވޭނީ ވެސް މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ޕީޕީއެމް-ޕީއެންސީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓް ބާއްވާފައިވަނީ ރޭ ހުޅުވި ޕީއެންސީގެ އާ އޮފީހުގައެވެ. މި ސެނެޓު ބައްދަލުވުމުގައި ވަނީ ޕީޕީއެމް-ޕީއެންސީގެ ލީޑަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސުމަށް ފާސްކޮށްފައެވެ.