ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ހިޔާ ފްލެޓްގެ ކުއްޔަށް ގެނައި ބަދަލާއެކު، ހިޔާ ފްލެޓްގެ އަގުން އިތުރު އެއް ލައްކަ ރުފިޔާގެ މައާފަކޮށްދީފިއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ހަރަދުކުރި ފައިސާގެ ތެރެއިން ދެ ލައްކަ ރުފިޔާ އަނބުރާ ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއާއެކު އިއްޔެގެ ކެބިނެޓް ބައްދަލުވުމަށްފަހު ސަރުކާރުން ވަނީ އެ އަދަދު އަނބުރާ ދިނުމުގެ ގޮތުން ހިޔާ ފްލެޓްގެ ކުލި 3،900ރ. އަށް ހަތް އަހަރުގެ މުއްދަތަށް ކުޑަ ކުރުމަށް ނިންމާފައެވެ.

އާބަންކޯގެ އެގްޒިބިޝަން ސެންޓަރުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމުގައި ހިޔާގެ ރައްޔިތުންނަށް ދެ ލައްކައެއްހާ ރުފިޔާގެ ޑިސްކައުންޓެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ޑިސްކައުންޓް ލިބިގެން ދިޔައީ ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ކުރުމަށް ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ އެ ބަދަލާ އެކު، ހިޔާ ފްލެޓްގެ ކުލީގެ މުއްދަތު 27 އަހަރަށް އޮތްއޮތުން 26 އަހަރަށް ކުޑަވާނެކަމަށެވެ. އަދި އެ ބަދަލުތައް ގެނައުމަށް ފްލެޓްގެ އެއްބަސްވުންތައް ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.