ސަތާރަ ނޮވެމްބަރު 2023ގައި ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ރާއްޖޭގައި ތިބީ އިންޑިއާގެ އެންމެ 77 ސިފައިން ކަމަށެވެ. ނަމަވެސް ރިޔާސީ ކެމްޕެއިން ތެރޭގައި އަލްޖަޒީރާ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގައި އިންޑިއާގެ އެތައް ހާސް ސިފައިން ތިބިކަމަށާއި، އުތުރު ތިލަ ފަޅުގައި ވެސް އިންޑިއާގެ އެތަކެއް ސިފައިން ތިބިކަމަށެވެ. ތުރުކީ އަށާއި ޔޫ.އޭ.އީއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރައްވައި، އިންޑިއާގެ ކިތައް ސިފައިން ރާއްޖޭގައި އެބަތިބިތޯ ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ އެއަދަދު ޔަޤީނަށް އެގިވަޑައިނުގަންނަވާ ކަމަށާއި އެކަން ޖެހޭނީ އަދި އިތުރަށް ބައްލަވާލައްވަން ކަމަށެވެ. އެތައް ހާހެއްގެ އިންޑިއާ ސިފައިން 77 އަށް ބަދަލުވެ، އެންމެ ފަހުން 77 ވެސް އެއީ ސައްހަ އަދަދެއްކަން ނޭނގޭ ވަރަށް އެ އަދަދު ކުއްލިއަކަށް މަދުވެއްޖެއެވެ. އިންޑިއާ އައުޓް ބިލާހަކަށް ވެއްޖެއެވެ. އިންޑިއާ އައުޓް "އިންޑިއާ-އިން" އަށް ބަދަލުވެއްޖެއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އަދަދު ނޫހުގެ ފަރާތުން މިކަމާ ގުޅިގެން ކުރި ވަރަށް ތަފްސީލް ސުވާލަކަށް ރައީސް ދެއްވީ ވަރަށް ރުންކުރު، ކުރު ޖަވާބެކެވެ. ނޫސްވެރިޔާ ދެންނެވީ އިންޑިއާ ސިފައިން ރާއްޖެއިން ބާލާ ވާހަކަ ރައީސް ޑރ. މުއިއްޒު ތަކުރާރުކޮށް ދެއްކެވި ކަމުގައި ވިއަސް ރައީސް އޮފީހުގެ ވެބް ސައިޓަކުންވެސް އަދި އިންޑިއާ ސަރުކާރުގެ އެއްވެސް މަސްދަރަކުން ވެސް  އިންޑިއާ ސިފައިން މުޅިން ބޭލުމާއި މެދު ދެ ޤައުމުގެ މެދުގައި ވާހަކައެއް ދެއްކެވި ކަން އެގެން ނެތުމުން، އެކަމުގެ ތަފްސީލް ދެއްވުމަށެވެ. އަދި، މިވަގުތު ތިބިނަމަ ތިބި އިންޑިއާ ސިފައިން އެތިބީ ދިވެހި ސަރުކާރުގެ ނުރުހުމަގައި، ގަދަ ބާރު ދައްކައިގެން ތޯ އާއި، އިންޑިއާ ސިފައިން ފޮނުވާލާ ނަމަ ފޮނުވާލެވޭނެކަމަށް ލަފާ ކުރެވޭ ތާރީޚަކީ ކޮބައިތޯ ނޫސްވެރިޔާ ސުވާލު ދެންނެވިއެވެ.

މި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ: "ތިހުރިހާ ޑީޓެއްލްސް ތަކަކަށް މިހާރު ފަންނީ ލެވެލްއެއްގައި ކޮމިޓީއެއް ހެދިގެން މަޝްވަރާ ކުރެވެމުން ދަނީ"، މިފަދައިންނެވެ. އެ ނިމުނީ އެވެ. އިތުރަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އިންޑިއަން ޑިފެންސް ރިސާރޗް ވިންގް ކިޔާ ވެބްސައިޓަކުން 3 ޑިސެމްބަރުގައި ޝާއިއުކޮށްފައިވާ ލިއުމެއްގައި، އިންޑިއާ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ބުނެފައި ވަނީ ދެސަރުކާރުގެ މެދުގައި ވާހަކަ ދެކެވެނީ އިންޑިއާ ސިފައިން އެކީގައި ރާއްޖެއިން ބާލަން ނޫންކަމަށާއި، މަޝްވަރާ ކުރެވެނީ ދެޤައުމުގެ ސަލާމަތަށް ފުދޭވަރަށް، ކޮންމެވެސް ވަރަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް ކަމަށެވެ. ޔޫ.އޭ.އީ ގައި އިންޑިއާގެ ބޮޑުވަޒީރާއި ރައީސް ޑރ. މުއިއްޒު ބައްދަލު ކުރެއްވި އިރު އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ އެއްވެސް ވާހަކައެއް ދެއްކެވިތޯ ދެންނެވުމުންވެސް ރައީސް އަކަށް ސީދާ ޖަވާބެއް ނުދެއްވުނެވެ. އިންޑިއާގެ ނޫސްތަކުން މައުލޫމާތުދޭ ގޮތުގައި އިންޑިއާއިން މިހާރު މަސައްކަތް ކުރަނީ ދެޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ރާއްޖޭގައި ތިބި ސިފައިން ބޭލުމަށް ފަހު ޓެކްނިކަލް މީހުން ފޮނުވުމަށް ކަމަށެވެ. ނަމަވެސް ސިފައިން ބޭލުމަށްފަހު އިންޑިއާއިން ފޮނުވާ "ޓެކްނިކަލް" މީހުންނަކީ އިންޑިއާ ސިފައިން ނޫންކަން ޔަޤީން ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. މިއީ އެއްގޮތުން ނުވެއްޖެނަމަ އަނެއް ގޮތަކުން ވިއަސް ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ޖަހާ މަޅިއެކެވެ. ދިވެހި ރައްޔިތުން ބޭނުންވަނީ އިންޑިއާ އައުޓެވެ. ރައީސް މުއިއްޒަށް އެކަން ކުރެވޭ ތަނެއް  ނުފެނެއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިންޑިއާ ސަރުކާރުން އެއްބަސް ވެފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ތަކުރާރުކޮށް ވިދާޅުވިއަސް އެކަމުގެ އެއްވެސް ހެއްކެއް ނުދެއްކެވެއެވެ. އަދި އިންޑިއާއިން ވެސް އެފަދަ އެއްވެސް އެއްޗެއް ރަސްމީކޮށް މީޑިއާއަށް ހާމައެއް ނުކުރެއެވެ. ރާއްޖޭގެ ކަނޑުއަޑީގެ ހައިޑްރޮގަރަފީ ޗާޓުތައް ކުރެހުމުގައި އަދިވެސް އިންޑިއާ ހަރަކާތްތެރި އެބަވެއެވެ. އުތުރު ތިލަފަޅު ވެސް އިންޑިއާ މީހުން އެއޮއްގެން ހަދަނީއެވެ. އިންޑިއާގެ ހެލިކޮޕްޓަރު ތަކާއި ޑޯނިއާ މަތިންދާ ބޯޓާއި، އެތަކެތި ދުއްވާނެ އިންޑިއާ ސިފައިން އަދިވެސް ރާއްޖޭގައި އެބަ ތިއްބެވެ. އިންޑިއާއިން ރާއްޖޭގައި ބަހައްޓާފައި ހުރި ބޮޑެތި ރާޑަރު ތަކުން ދިވެހިންގެ ހަރަކާތްތައް ބަލައި އިންޑިއާއިން ޖާސޫސް ކުރަމުންދާ އިރު އެއިން ކަމެއްވެސް ހުއްޓުވާނަމޭ ވެސް ނުވަތަ ހުއްޓުވޭނެއޭ ވެސް ސަރުކާރުން ނުބުނެއެވެ. އިންޑިއާ އެމްބެސެޑަރ ދިވެހި ސަރުކާރުގެ އާކެބިނެޓުގެ ހުރިހާ މިނިސްޓަރުންނާއި ބައްދަލު ކުރައްވައި "ގުޅުން ބަދަހި" ކުރައްވަނީއެވެ. އިންޑިއާ އައުޓޭ ކިޔައިގެން ދިވެހިންގެ ލޭ ކައްކުވައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުއިއްޒުގެ ރާގު މުޅިންހެން ބަދަލު ވެއްޖެއެވެ.

 

އިންޑިއާއާއި ރާއްޖެއާއި ދެމެދު، ގޮތްނޭނގޭ 100 ވަރަކަށް އެގްރީމެންޓު އެބައޮތް ކަމަށް ކުރިން ވިދާޅުވިއަސް، އެއިން އެންމެ އެއްބަސްވުމެއްގެ ތަފްސީލް ވެސް ދިވެހި ރައްޔިތުނާއި ހަމައަށް ނުވަތަ މީޑިއާ އާއި ހަމައަށް މިސަރުކާރުން ތިލައެއް ނުކުރެއެވެ. އުތުރުތިލަފަޅުގެ އެއްބަސްވުން ސިއްރުކޮށްފައި އޮތުމުން އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް އެތައް ފާޑެއް ކިއުމަށް ފަހު މިސަރުކާރުން ވެރިކަމަށް އައިސް އުތުރުތިލަފަޅުގެ އެއްބަސްވުން ވެސް ހާމައެއް ނުކުރެއެވެ.

 

ރައްޔިތުންގެ މެދުގައި ތުހުމަތުތަކާއި އަދި ޔަގީންކަމާއެކުވެސް މިވާހަކަތަށް އެބަ ދެކެވެއެވެ. ރައީސް މުއިއްޒުގެ ޚާރިޖީ ވަޒީރަކަށް ލާފައި ވަނީ އިންޑިއާގެ މަހުޖަނެއްގެ ވިޔަފާރި ޕާޓްނަރެއް ކަމުގައިވާ މޫސާ ޒަމީރެވެ. ދިފާއި ވަޒީރަކީ އިންޑިއާގެ ހަމަ އެމަހުޖަނުގެ އެހެން ވިޔަފާރި ޕާޓްނަރެއް ކަމުގައިވާ ޝުއައިބު ޝާހުގެ އަނބިކަނބަލުން ދުންޔާ މައުމޫނުގެ ކޮއްކޮ ޣައްސާން މައުމޫނެވެ. އެހެންކަމަށް ވާނަމަ، ދިފާއި ވުޒާރާއާއި ޚާރިޖީ ވުޒާރާ އެވަނީ އިންޑިއާ އަތްދަށުލާފައެވެ. އެހާލަތުގައި އިންޑިއާ އައުޓް ކުރެވޭނީ ކިހިނަކުންތޯއެވެ؟ ނުވާނެއެވެ. މިސަރުކާރަކަށް އެކަމެއް ނުވާނެއެވެ. އިންޑިއާ އައުޓް ކޮށް، ވިއްކާލި ކަނޑު ހޯދުމުގެ ލަޔާގަތާއި ޤާބިލިއްޔަތު ހުރިކަމަށް ފެންނަނީ ރައިސް ޔާމިނުގެ އެވެ. ދިވެހި ޤައުމަށް ބޭނުންވަނީ ރާއިސް ޔާމިނާއި އުމަރު ނަސީރު ފަދަ ގަޓުހުރި ވެރިންނެވެ. މަޑުމައިތިރި، ނުމޮށޭ ގުރައިންނެއް ނޫނެވެ. މި ވެރިކަމުގައި އިންޑިއާ އައުޓް މިހާރު މިވަނީ ބިލާހަކަށް ވެފައެވެ. ރައްޔިތުންނަށް ގޮތްދައްކަން ކުޅޭ ޑްރާމާ އަކަށް ވެފައެވެ.

ރައީސް ޑރ. މުއިއްޒާއި، އެމަނިކުފާނު ވަޑައިގަންނަވާހާ ތަނެއްގައި ރީތި މެނިކުއިންއެއްހެން ބަހައްޓާފައި ހުންނަ ނައިބު ރައީސަށާއި، ރައީސް އޮފީހުގެ ތިންވަނައަށް އެންމެ ބާރުގަދަ ބޭފުޅާ، އަބްދުއްރަހީމް (އަދުރޭ) އަށާއި، ރައީސް އޮފިހުގެ ހަތަރުވަނައަށް އިސް ބޭފުޅާ ކަމުގައިވާ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހަށް މިކަމެއް ނުވާނެއެވެ. އިޚްލާސްތެރިކަމެއް ނުފެނެއެވެ. އަދި އެވަރުގެ ގަޓެއް ވެސް ނުފެނެއެވެ. މިސަރުކާރަށް ހަޤީގީ މާނާގައި އިންޑިއާ އައުޓް ކުރެވޭނެ ކަމާއި މެދު ބޮޑުތަނުން ޝައްކެވެ.

ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ދުވަހު އޭ މިހިރަ ދިވެހި ދިދައާއޭ، އަހުރެން ކަލާ ދެކެ ނުހަނު ހިތާވެއޭ، ހޭބަލިވެއޭ، ވާނެނަމަ އިންނަންވެސް އިންނާނަމޭ ވިދާޅުވެ ކުރުނީސް ކުރަށްވާ ފަދައިން، ފަށުއި އިބާރާތްތަކުން ދެއްކެވި އާޓުތައް މިހާރަކު ހަނދުމަފުޅު ހުރި ހެނެއް ހިއެއް ނުވެއެވެ. މިހާރު އެ ދިދައާއި ދިމާއަށް ވިދާޅުވާ ކަހަލައެވެ: "އޭ މިހިރަ ބީތާއާ އެވެ. ކަލެއަކީ ލާހޫރޭ ވަހުތާނެކެވެ. ކަލެއަށް ބަލަން ހުރެ އަހުރެން މުޅިން ބުރާންތި ވެއްޖެއެވެ. ކާލޭ ތި ދިދަ ދަނޑިން ބާލާފައި ތި ފަލަ ދިގު ދަނޑިއަށް ރީނދުލާއި ފެހިކުލައިގެ އިންޑިއާ ދިދަ ނަގައިގެން ނޫން ގޮތަކަށް މަގޭ ވެރިކަން ދެމެހެއްޓޭކަށް ނެތެވެ. މަށަށް ވެރިކަމުގަ ހުރެވޭ ނަމަ މަށަށް ކޮންމެ ގޮތެއްވެސް އޯކޭއެވެ."

އިންޑިއާ ވާނީ އައުޓެއް ނޫނެވެ. އިންޑިއާ ވާނީ އިން އެވެ. އިންޑިއާއުޓަކީ ވެރިކަމުގެ ނަވަށް އަރަން ފަލި ޖެހި ބޮއްކުރައެކެވެ. ނަވަށް އެރުމުން އެ ބޮއްކުރާ ފެތިއްޖެއެވެ. ގުޑް ބައި ލޯބިވާ ދިވެހި ދިދަގަނޑާ އެވެ!