ހިޔާ ފްލެޓްގެ ކުލި ހަތް އަހަރުގެ މުއްދަތަށް ކުޑަކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓާ އެކީ ބޭއްވި ބައްދަލުވުމަށްފަހު، ނިންމި މުހިންމު ނިންމުންތައް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރިޔާސީ ވަޢުާ އެއްގޮތަށް، ހިޔާ ފްލެޓްތައް ހަދަން ރައްޔިތުންގެ އަތުން ހަރަދުވި ރުފިޔާއިން 200،000 ރުފިޔާ އުނިކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތަށް ހަމަޖެއްސުމުން ކުރިއަށް އޮތް ހަތް އަހަރު ހިޔާ ފްލެޓްގެ މަހު ކުއްޔަށް ދައްކަން ޖެހޭނީ 3،900ރ. ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވިނަރެސްގެ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި މަހު ކުލި ވެސް ކުޑަކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދު ސަރުކާރުން ނިންމާފައިވަނީ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓް ކުޑަ ކުރުމަށާއި މިހާރު މަހު ކުލީގެ ގޮތުގައި ދައްކާ އަދަދު އެވްރެޖްކޮށް 4،200 ރުފިޔާ އުނިވާ ގޮތަށް ކުޑަކުރާށެވެ.

މީގެ އިތުރުން ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި 3،300ރ. އަށް ކުޑަކުރަން ވެސް ވަނީ ނިންމައިފައެވެ.

ވިނަރެސް ފްލެޓް ތަކަކީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން، އޭރު ސިވިލްސަރވިސްގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޢިމާރާތްކުރި 2+1 ކޮޓަރީގެ ހިޔާ ފްލެޓްތަކެވެ. ރައީސް އިބްރާހީމްގެ ސަރުކާރުން ވަނީ، މި ފްލެޓްތަކަށް ވިނަރެސް ކިޔައި، ފްލެޓްތައް އަގުބޮޑުކޮށް ވިއްކާލައިފައެވެ. އަދި ހިޔާގެ މަޝްރޫއުން 2+1 ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވީ މީހުންނަށް ވެސް ދީފައި ވަނީ 2 ކޮޓަރީގެ އެޕާޓްމަންޓެވެ. ނަމަވެސް، މިފަދަ ނާއިންސާފުން ކުރެވޭ ކަންތައްތަކުގެ ވާހަކަ އެއްވެސް ސިޔާސީ ފަރާތަކުން ނުދައްކަނީ، އެމީހުންނަށް ލިބިދާނޭ ސިޔާސީ ގެއްލުމަކަށް ބަލައިގެންނެވެ.