ނޮވެމްބަރ 25 ވަނަ ދުވަހު އަޅުގަނޑުގެ ކެޔޮނިރު ކޮލަމްގައި ލިއުނީމެވެ: "މިޤައުމު މިއޮތް ހާލަތަށް ބަލާއިރު، އަދި، މިހާރު ލިބިފައިވާ ސަރުކާރުގެ ޤާބިލް ކަމަށް ބަލާއިރު، ރައީސް ޔާމިނަކީ މިހާރު ދިވެހި ރައްޔިތުންނަށް ޗޮއިސް އެއް ނޫނެވެ".

މިލިއުން ލިއުނުތާ މިވީ އަދި އެންމެ ހަފްތާއެއްހާ ދުވަހެވެ. ސިޔާސީ ކަންކަމުގައި ހަފްތާ އަކީ ވަރަށް ދިގު މުއްދަތެކެވެ. މަތީގައި އެވާ ޖުމްލައިގައި އަޅުގަނޑު އެއިރު ޤަބޫލް ކުރި ހުރިހާ ކަމެއް މިހާރު ބަދަލުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ޤާބިލް ކަމާއި މެދު ވެސް އަޅުގަނޑު މިހާރު ޝައްކެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމިނަކީ ދިވެހި ރައްޔިތުންނަށް  ޗޮއިސްއެއް ނޫންކަމަށް ބުނި ބުނުންވެސް މިހާރު މިވަނީ އަލުން މުރާޖާ ކުރަން ޖެހިފައެވެ.

ސަތޭކަ ވަރަކަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އެކި އިދާރާތަކަށް އައްޔަން ކޮށްފިއެވެ. އޭގެތެރެއިން ގިނަ ފަރާތްތަކަކީ މާލޭ ސިޓީ ކައުންސިލްގައި ޑރ. މުއިއްޒުގެ މޭޔަރުކަމުގެ ދަށުން ވަޒީފާ އަދާ ކުރި، ނުވަތަ އެހެން ކޮންމެވެސް ގޮތަކުން ޑރ. މުއިޒަށް ތާއިދު ކުރުމުގެ ސަބަބުން މިސަރުކާރުން އިނާމެއްގެ ގޮތުގައި މަޤާމް ދިން ފަރާތްތަކެވެ. ސްޓޭޓް މިނިސްޓަރުކަމަށާއި ނައިބުންނަށް ލީ ގިނަ ފަރާތްތަކަކީ ތަޖުރިބާ މަދު، ދާއިރާގެ ތައުލީމެއް ނެތް ފަރާތްތަކެވެ. ދައުލަތުގެ ބިޔަ ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުކަން ދިން ގިނަ ފަރާތްތަކަކީ ވެސް ދާއިރާގެ ތައުލީމާއި ތަޖުރިބާ މަދު ފަރާތްތަކެކެވެ. އެންމެ މިސާލަކުން ފުދެއެވެ. އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރަކަށް ލީ އަބްދުﷲ މުހައްމަދު، ނުވަތަ މަޝްހޫރު މަދަނީ އަބްދުﷲ އެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

ރައީސް ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެދަރުބާރަށް ވަޑައިގެންނެވުމުން އިހްތިރާމް އަދާ ކުރެއްވުމަށް ޣައްސާން މައުމޫން ކޮޅަށް ތެދުވެވަޑައިގަތުމުން ގިނަ ބަޔަކު ޣައްސާނަށް ތައުރީފް ކުރިތަން ފެނުނެވެ. އަޚްލާގު ރަނގަޅު، މަޑުމައިތިރި ބޭފުޅެއްކަން ޔަޤީނެވެ. ނަމަވެސް އިންޑިއާ އައުޓް ކުރުމަކީ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަން ކަމަށް ބުނަމުން ވެރިކަމަށް އައި ސަރުކާރެއްގެ ޑިފެންސް މިނިސްޓަރ ކަން ކުރަން ބޭނުންވާނެ ކެރުންތެރިކަމާއި ޤާބިލްކަން ޣައްސާން މައުމޫނުގެ ކިބައަކުން ނުފެނެއެވެ. ކާނަލް ނާޒިމް ފަދަ ފަރާތަކަށް އެމަޤާމް ދިން ނަމަވެސް މާރަނގަޅުވާނެ ކަމަށް ފެނެއެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރަކީ ރައީސް އިޞާލިހުގެ ވެރިކަމުގައި ހުރިހާ ޖަރީމާއެއް ހިންގި އިރު ރާއްޖޭން ބޭރުގައި އަރާމު ކުރައްވަން އުޅުއްވުމަށް ފަހު ވެރިކަން ބަދަލުވާން ކައިރިވުމުން ރާއްޖެ ވަޑައިގެން މަޤާމް ހޯއްދެވި ބޭފުޅެކެވެ. އެޓްމޮސްފިއާ ހޮޓެލްސް ގްރޫޕްގެ ނަމުގައި ރާއްޖޭގައި ރިސޯރޓްތައް ހިންގާ ކުންފުނީގެ ބާނީ، އިންޑިއާ ރައްޔިތެއް ކަމުގައިވާ، ސަލީލް ޕަނިގްރަހީ އަކީ މޫސާ ޒަމީރުގެ ވިޔަފާރި ޕާޓްނަރެކެވެ. ސަލީލްއަކީ އިބޫ ޞާލިހުގެ ސަރުކާރާއި ވެސް، އަދި ވަކިން ޚާއްސަކޮށް، ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާ ވަރަށް ގާތް، އިންޑިއާގެ ނުފޫޒުގަދަ ވިޔަފާރިވެރިއެކެވެ. ސަލީލް މެދުވެރިކޮށް މޫސާ ޒަމީރަށް ޚާރިޖީ ވަޒީރުކަން ދެވިފައި އެވަނީ އިންޑިއާ އައުޓް ނުކުރާމަތިންނެވެ. ބޭރުފުށުން ކޮންމެ އެއްޗެކޭ ކިއަސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކެމްޕެއިން ދުވަސްވަރު އަޑަށް ބާރުލާފައި ގޮވި "އިންޑިއާ އައުޓް" މިހާރު އެވަނީ ސިޔާސީ ގޮތްދެއްކުންގަނޑަކަށް ވެފައެވެ. އިންޑިއާ އައުޓް ކުރެވޭ ވަރަށް ވުރެ މިސަރުކާރު އެވަނީ ސަލީލްމެދުވެރިކޮށް އިންޑިއާގެ ދަށުވެފައެވެ.

ސަލީލަކީ މިހާރުގެ ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނުގެ ދޮށީ ދައްތަ، ދުންޔާ މައުމޫނުގެ ފިރިކަލުން ޝުއައިބުގެ ވެސް ވިޔަފާރި ޕާޓްނަރެކެވެ. އެހެން ކަމުން ދިފާއީ ވުޒާރާ އާއި ޚާރިޖީ ވުޒާރާ އެވަނީ އިންޑިއާ ކޮޅަށް ކޮމްޕްރޮމައިޒް ވެފައެވެ. ޑރ. ވަހީދަށް ޚާރިޖީ ވަޒީރުކަން ދިންނަމަވެސް މާ ރަނގަޅެވެ.

ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާލުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރާނީ މެޑިކަލް ޓޫރިޒަމަށް ޓާގެޓް ކޮށްގެން ކަމަށެވެ. މާނައަކީ ބޭރު ޤައުމުތަކުން ބޭސްފަރުވާއަށް، ބޭރު މީހުން، ރާއްޖެ އަންނަގޮތަށް އެތަން ތަރައްޤީ ކުރާ ވާހަކައެވެ. ބޭރުމީހުން ބޭސްފަރުވާއަށް ރާއްޖެ ގެންނަ ވާހަކަ ދައްކާއިރު ދިވެހީން އަދިވެސް މިޖެހެނީ މޫނުގައި އޮށާޅަކޮޅެއް ނެގިއަސް ފަރުވާ ހޯދަން އިންޑިއާ ނުވަތަ ލަންކާ ނުވަތަ ބެންކޮކަށް ދާށެވެ. މިވަރުގެ ވިޝަނެއް ނެތް، ސިޔާސީ ބޭނުމަށް ސްލޯގަން ވިއްކާ ބޭފުޅުން މިނިސްޓްރީ ތަކަށް ލައިގެން ގެނެވޭނީ މެޑިކަލް ޓޫރިޒަމެއްވެސް ނޫނެވެ. އެ ދާއިރާ އިތުރަށް ވާނީ ހަލާކެވެ. ޑރ. ޢަބްދުއް ސައްތާރު ޔޫސުފް ފަދަ ބޭފުޅުން ތިއްބަވަނިކޮށް، ޤައުމީ އެއްބައިވަންތަ ސަރުކާރެކޭ ވިދާޅުވެފައި ރައީސް މުއިއްޒު މުޅިންވެސް މިފެންނަނީ ޕާރޓީގެ އެކްޓިވިސްޓުންނަށް އިނާމުގެ ގޮތުގައި މަތީ މަޤާމްތައް ބައްސަވާ ތަނެވެ. ތަޖުރިބާ އަކަށް ތައުލީމަކަށް ނުބައްލަވައެވެ. ޤައުމަށް އިޚްލާސްތެރިތޯއެއް ނުބައްލަވައެވެ. ހަމައެކަނި، ޑރ. މުއިއްޒަށް އިޚްލާސްތެރި ވުމުން ނިމުނީއެވެ.

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންސް ދާއިރާގެ މިނިސްޓަރަކަށް ލެއްވި އިބްރާހިމް ޚަލީލަކީ ޒަމާނީ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ ދާއިރާއަށް ފަރިތަ ބޭފުޅެއް ނޫނެވެ. ރައީސް އޮފީގެ ވެރިންގެ ހައިރާކީ ލިސްޓަށް ބަލައިލާ އިރު ރައީސާއި ނައިބު ރައީސްގެ ދަށުން ތިންވަނައަށް އެންމެ ސީނިއަރ ބޭފުޅަކީ ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) އެވެ. ރައީސް މައުމޫނު ސަރުކާރުގެ "ބްރޯ" އަކީ މައުމޫނުގެ އަސްލު ބްރޯ، އަބްދުﷲ ހަމީދާއި، މައުމޫނުގެ "ބްރޯ" އިން-ލޯ، އިލްޔާސް އިބްރާހިމެވެ. ރައީސް ޔާމިނުގެ ސަރުކާރުގެ "ބްރޯ" އަކީ އެއިރުގެ ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބެވެ. ރައީސް ޞާލިހުގެ ވެރިކަމުގެ "ބްރޯ" އަކީ އެއިރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލެވެ. ރައީސް ޑރ. މުއިއްޒު ސަރުކާރުގެ ބްރޯ އަކަށް މިވީ މާ ބޮޑު ތައުލީމެއް، އެއްވެސް މީހަކަށް އިޚްލާސްތެރިކަމެއް ނެތް، އަބްދުއް ރަހީމެވެ. މިއީ އަބްދުއްރަހީމުގެ ފަހަރު ކަމުގައި ގިނަބަޔަކު ޖޯކަކަށް ހާދާފައި ބުނެއެވެ. ނަމަވެސް އެއީ ޖޯކެއް ނޫނެވެ. ޑރ. މުއިއްޒަށް ވެރިކަން ލިބިވަޑައިގަތީ އަބްދުރަހީމާއި ހެދިއެވެ. އަދި، ފެންނަ ފެނުމަށް ބަލާއިރު، މަތީގައިވާ ކަންކަން ބަދަލު ކުރައްވައި، އަބްދުއް ރަހީމް އެއްކައިރި ނުކުރައްވައިފި ނަމަ، ރައީސް ޑރ. މުއިއްޒުގެ ވެރިކަން ވެއްޓޭނި ވެސް އަބްދުއްރަހީމާއި ހެދިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ކެބިނެޓްގެ 22 ވަޒީރުން ހުވާކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

 

އަބްދުއްރަހީމްގެ ދަށުން ރައީސް އޮފީހުގެ ވެރިންގެ ސީނިއަރިޓީއަށް ބަލާއިރު އެންމެ ހައިރާންވީ ކަމަކީ ރައީސް އޮފީގެ ހަތަރުވަނައަށް އެންމެ އިސް ދެ ބޭފުޅުންނަކީ މުހައްމަދު އަލީ ޖަނާހާއި މުހައްމަދު ހަލީލު ކަމެވެ. ޓޫރިޒަމް ދާއިރާއިން ރައީސްގެ އެޑްވައިޒަރަކަށް ލެއްވީ މަންޓާ އެއާގެ ސީއީއޯ އަދި، މަޝްހޫރު ޓޫރިޒަމް ކުންފުނި ޔުނިވާސަލްގެ "ބޯއި" އެއް ކަމުގައިވާ މުހައްމަދު ހަލީލެވެ. އެހެން ކަމުން ހަލީލް ހުރިހާ އެޑްވައިޒެއް ދެއްވާނީ ޔުނިވާސަލް އަށާއި ހަލީލްގެ ވިޔަފާރިއަށް ފައިދާ ކުރާނެ ގޮތަށެވެ.

މިނިސްޓަރ އޮފް އިކޮނިމޮކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގެ މަޤާމަށްލީ މުހައްމަދު ސަޢީދަކީ އެދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފޫޅެކެވެ. ނަމަވެސް ޓްރޭޑް ދާއިރާއިން އެޑްވައިޒަރަށް ލެއްވި މުހައްމަދު އަލީ ޖަނާހަކީ މިފަދަ ކަމަކަށް އެންމެ އިހްލާސްތެރި ބޭފުޅާކަމަކަށް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. ޖަނާއަކީ ކޮން ބޭފޫޅެއްކަން ގިނަ ދިވެހިން ވަރަށް ރަނގަޅަށް ދަނެއެވެ. ރައީސް އޮފީހުގެ ހަތަރުވަނައަށް އެންމެ ސީނިއާ ބޭފުޅަކަށް ޖަނާހު ވުމުން ދެން މިޤައުމުގެ ވިޔަފާރީގެ ކަންކަން ދާނެގޮތް ތަސައްވަރު ކުރަން ވަރަށް ދައްޗެވެ.

ރައީސް ޑރ. މުއިއްޒު ތުރުކީ ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެންމެ ކުރީ ސަފުގައި ހުންނެވި އެއް ބޭފުޅަކީ ޖަނާހެވެ. ޖަނާހަކީ ތުރުކީ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާ ވިޔަފާރީގެ ގުޅުން އޮންނަ ބޭފުޅެކެވެ. ރައީސްގެ ސައުދީ ދަތުރު ފަސް ކުރުމުން ކުއްލި ގޮތަކަށް ތުރުކީ ދަތުރު ހަމަ ޖެއްސެވީ ވެސް ޖަނާހު މެދުވެރިވެގެން ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. ތުރުކީ ދަތުރުން ތިރީހަކަށް ސްކޮލަރޝިޕް ފިޔަވައި ލިބުނު މާބޮޑު އެހެން އެއްވެސް އެއްޗެއް ނެތެވެ. ތުރުކީގެ އިގްތިޞާދު އޮތް ހާލަތާއި، ތުރުކީގެ ވަށައިގެން ޔުކްރެއިން ހަނގުރާމައާއި ފަލަސްތީނު ހަނގުރާމަ ހިނގަމުން ދިއުމުގެ ސަބަބުން ދިމާވެފައިވާ އިގްތިޞާދީ އަދި ސިޔާސީ ދަތިކަމުގެ ތެރެއިން ތުރުކީއިން ދިވެހި ރާއްޖެއަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނޯންނާނެއެވެ. ރައީސް މުއިއްޒުގެ ތުރުކީ ދަތުރަކީ ޖަނާހާއި އިންޑިއާ މެދުވެރި ވެގެން ރައްޔިތުންނަށް ގޮތް ދައްކާލަން ކުރެވުނު ބޭކާރު ދަތުރެއް ނޫން އެހެން އެއްވެސް އެއްޗެއް ނޫނެވެ.

ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމާއި، އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި، އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދާއި، އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް އާއި، ކޮންސްޓަރކަޝްން މިނިސްޓަރ ޑރ. އަބދުﷲ މުއްތަލިބާއި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު އާއި، ހޯމް މިނިސްޓަރ އަލީ އިހްސާން އާއި، ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފަކީ ޤާބިލް، ރަނގަޅު މިނިސްޓަރުންނެވެ. ނަމަވެސް ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާރޑް) އަށް ވަޒީރުކަން ދެވުނީ ރިއާސީ ބަހުސްގެތެރެއިން ޑރ. މުއިއްޒަށް އެހީތެރި ވުމުގެ އިނާމެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ. އަސްވާޑަށް ޔޫތު މިނިސްޓަރުކަން ދިނުމަށް ވުރެ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަހްމަދު މަރުޒޫކަށް އެމަޤާމް ދިން ނަމަވެސް މާރަނގަޅަށް އެކަން ކުރާނެއެވެ. ވަކި ޕާރޓީއަކަށް ބެލުމެއް ނެތި ޤާބިލް މީހުންނަށް މަޤާމް ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން މަޤާމްތައް މިބައްސަވަނީ ޤައުމީ އެއްބައިވަންތަ ކަމަކަށް، ނުވަތަ ޤާބިލް ކަމަކަށް ބެއްލެވުމެއް ނެތިއެވެ.

ޓްރާންސްޕޯރޓް މިނިސްޓަރ މުހައްމަދު އަމީނަކީ ޤާބިލް، ރަނގަޅު ބޭފުޅެކެވެ. އަމީންގެ ގާތް ބޭފުޅެއް އަރިހު އަމީން ވިދާޅުވިކަމަށް ވަނީ އެކި ވުޒާރާތަކަށް ސްޓޭޓް މިނސްޓަރުންނާއި ނައިބުން ލާ އަދަދު ގިނަވެެގެން ގޮސް، އެއިން މިނިސްޓަރަކު ނުވަތަ ނައިބަކު ކުރާނެ މަސައްކަތެއް ނެތް އަދަދަށް ސަރުކާރުގެ މަތި ބަރުވެއްޖެ ކަމަށެވެ. ޚުދު އަމީން ވެސް ހުންނެވީ ކުރައްވާފައި ނުކުރައްވާނެ ކަމެއް އެނގިވަޑަނުގެންފައެވެ. ސިޔާސީ އިނާމްގެ ގޮތުގައި އެކި ފަރާތްތަކަށް މަޤާމް ބެހުމުން އުފެދިފައި މިވަނީ އެމްޑީޕީ ސަރުކާރަށް ދޫނުކުރާ ވަރުގެ މަތިބަރު، ޤާބިލްކަން ދަށް ސަރުކާރެކެވެ. ރައީސް ޑރ. މުއިއްޒުގެ ސަނަދުތަކާއި ތަޖުރިބާ ގިނައަސް ސަރުކާރުގެ ވުޒާރާތަކަށް ލެއްވި ގިނަ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ނައިބުންނާއި، ކުންފުނިތަކުގެ ގިނަ މެނޭޖިންގް ޑިރެކްޓަރުންގެ ތަޖުރިބާ މަދުވެފައި ދާއިރާގެ ތައުލީމެއް ނެތެވެ. މަތިބަރު މިސަރުކާރުގެ މަޤާމްތައް، ޤާބިލް ކަމެއް ނެތް ފަރާތްތަކަށް ބައްސަވާލެއްވުމުގައި ރައީސް ޑރ. މުއިއްޒަށް މަގުދެއްކެވީ އިންތިޤާލީ މަރުހަލާގެ ވެރިޔާ އަބްދުއް ރަހީމެވެ.

ޑިސެމްބަރ މަހު ސަރުކާރު މުއައްޒަފުންގެ މުސާރަ ދޭނެ ފައިސާވެސް ބައިތުލްމާލުގައި ނެތް ކަމަށް ރައްޔިތުންގެ މަޖުލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެފައި ވެއެވެ. މުސާރަވެސް ދެެވެން އޮތީ ޓީބިލް ނުވަތަ ބޮންޑު ވިއްކައިގެން، ދަރަންޏަށް ފައިސާ ނަގައިގެން، ނުވަތަ ބޭރުން ހިލޭ އެހީގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާގެ އެހީ ލިބިގެންނެވެ. މިވަރަށް ޤައުމު ދަރަނިވެރިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޮރަޕްޝަނާއި، ނާޤާބިލް ކަމުގެ ސަބަބުންނެވެ. އެކަން ރަނގަޅު ކުރުމުގެ ނަމުގައި ވެރިކަމަށް އައި ސަރުކާރު ހިންގަން އެއްވެސް ޤާބިލް ކަމެއް ނެތް އެކްޓިވިސްޓުން ތަކެއް ލުމުން ޤައުމު އިތުރަށް ވާނީ ބަނގުރޫޓެވެ. މަޤާމްތަކަށް ލީ ގިނަ ވެރިން ކުރާހާ ވެސް ކަމަކީ ރަޢީސް ޑރ. މުއިއްޒަށް ސަނާ ކިޔައި، މައުމޫނު ދައުރުގައި ވެރިމީހާ ރަސޫލަކާއި އެއްހަމަ ކުރި ގޮތަށް "މާތް ރައީސޭ" ކިޔައިގެން ހުޝާމަދު ކުރާ ތަނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޕް28ޔޫއޭއީ ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ -- ފޮޓޯ: ސްޕަޓްނިކް

 

ޑރ. މުއިއްޒު އިންތިހާބް ކާމިޔާބު ކުރެއްވީ މައިގަނޑު ތިން ވައުދެއްގެ މައްޗަށެވެ. އެއީ އިންޑިއާ ސިފައިން ރާއްޖެއިން ބާލައި، އިންޑިއާ އައުޓް ކުރެއްވުމާއި، ރައީސް ޔާމިން މިނިވަން ކުރެއްވުމާއި، ކޮރަޕްޝަން ނައްތާ ލުމުގެ ވައުދެވެ. ހުވާ ކުރެއްވިތާ އެންމެ ދެ ހަފްތާ ވީ އިރު މިފެންނަނީ "އިންޑިއާ އައުޓް" "އިންޑިއާ އިން" އަށް މަޑުމަޑުން ބަދަލުވާ ތަނެވެ. ޔޫއޭއީގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ބައްދަލުވުމުގެ ވީޑިއޯ ބަލައިލުމުން މޯދީއަކީ "ބޮސް" ކަން ވަރަށް ސާފެވެ. ރައީސް ޔާމިން މިނިވަން ކުރެއްވުމުގެ ވައުދު ވެސް، އިންޑިއާ އައުޓް ވައުދު ފަދައިން މިހާރު ވެފައި އެވަނީ ބިލާހަކަށެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސޭ ކިޔައިގެން އިތުރުފުޅު ހެއްދެވި ރައީސް ޞާލިހު ފަދައިން ޑރ. މުއިއްޒުވެސް މިފެންނަނީ ޖަނާހާއި، މޫސާ ޒަމީރާއި، އިންޑިއާގެ ސަލީލާއި، ޔުނިވާސަލް ފަދަ ފަރާތްތަކުގެ އަޅަކަށްވެ، ކޮރަޕްޝަން މޫލާފައިވާ ސަރުކާރަކަށް މިސަރުކާރު ވެސް ބަދަލުވަމުންދާ ތަނެވެ.

ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އަކީ މިސަރުކާރުގެ އެންމެ ބާރުގަދަ ވެރިޔާ، އަބްދުއްރަހީމް (އަދުރޭ)ގެ ދަރިކަލުންނެވެ. ދާއިރާގެ ތަޖުރިބާއެއް، އަދި ދާއިރާއާއި ސީދާ ގުޅުން ހުރި ތައުލީމީ ބެކްގްރައުންޑެއް ވެސް ނެތް ބޭފުޅެކެވެ. ފުރަތަމަ ދުވަހު ވެސް ދެއްކެވީ މެޑިކަލް ޓޫރިޒަމް ރާއްޖެއަށް ގެންނަ ވާހަކައެވެ. ދެން ފެނުނީ ދިވެހި ޖާދޫގަރުންނާއި ބައްދަލު ކުރައްވައި ޖާދޫގަރުން ކުރިއަރުވަން ހިތްވަރު ދެއްވިތަނެވެ. ރައީސް ޑރ. މުއއްިޒަށް އެހެން ބޭފުޅުން ސަނާ ވިދާޅުވިއިރު ފަހަތުގައި ހުންވައިގެން ބޯޖައްސަވައި، ކުރުނީސް ކުރެއްވިއެވެ. މިވަރުގެ ބޭފުޅަކު ޓޫރިޒަމް މިނިސްޓަރ ކަމަށް ލައިގެން އެދާއިރާ ތަރައްޤީ ކުރެވިއްޖެނަމަ ރައީސް ޑރ. މުއިއްޒަކީ ޖާދޫގަރެއް ކަމަށް އަޅުގަނޑު ނިންމާނަމެވެ! މަތި ބަރު، ޤާބިލްކަން ކުޑަ، ވާނުވާ ނޭނގޭ، ކޮރަޕްޝަނަށް ދޮރުތައް ހުޅުވިފައިވާ ސަރުކާރެއް އެކުލަވާލުމުގެ މައިގަނޑު ޝުކުރެއް ހައްޤުވަނީ މަޖާޒީ ގޮތަކަށް ދަނަނަވަނީ ނަމަ ހިސާބު އިލްމުގެ ޕްރޮފެސަރ، ބްރޯ އަދުރޭ އަށެވެ. ތޭންކްސް ބްރޯ!