ދިވެހިރާއްޖެ ދެމެހެއްޓެނިވި ތަރައްޤީއަށް ދާނަމަ ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމަކަށް ވެސް ދާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ތުރުކީވިލާތަށާއި އަދި ޔޫއޭއީގައި އޮތް ކޮޕް28ގައި ބައިވެރިވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެެއްވުމަށްފަހު، ވީއައިއޭގައި ނޫސްވެރީންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ހަކަތައިގެ ކަންކަން ހަމަޖެއްސުމަށްޓަކައި ބަޖެޓުން އަހަރަކު 750 މިލިއަން ޑޮލަރު ޚަރަދުކުރާ ޤައުމެއްގެ ގޮތުގައި އަބަދު އޮވެގެން ނުވާނެ ކަމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ދާނަމަ ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމަކަށް ދާންޖެހޭ ކަމަށެވެ. 

ރާއްޖެއަށް ބޭނުންވާ ހަކަތައިގެ 3 ބައިކުޅަ އެއްބައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށްޓަކައި، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފެއްދޭ ނިސްބަތް މިހާރު ހުރި ހަތަރު އިންސައްތަ، ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި މަދުވެގެން ތިރީސްތިން އިންސައްތައަށް އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.