އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް، ދިވެހިރާއްޖޭގެ ނަމުގައި ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. 

ރައީސް މުޢިއްޒު ވަނީ، އިޒްރޭލުގެ ދިފާއީ ބާރުން ފަލަސްޠީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ޣައްޒާގައި ކުރަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށާއި، ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުން އެހެން ހިސާބުތަކަށް ހިޖުރަކުރުމަށް މަޖުބޫރުކުރުން ހުއްޓާލުމަށް ގޮވާލާ ގޮވާލުން ރައީސް މުޢިއްޒު ވަނީ، ތަކުރާރު ކުރައްވާފައިވެއެވެ. 

ރައީސް ވިދާޅުވީ، ފަލަސްޠީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ، ފަލަސްޠީނުގެ މުސްތަޤިއްލު މިނިވަން ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ދިވެހިރާއްޖެއިން ގަބޫލުކުރާ ކަމުގައެވެ. މިގޮތުން، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަތުން ނިމުމަކަށް ގެނެސް، ޤާނޫނާ ޚިލާފަށް ހިފާފައިވާ ފަލަސްޠީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްޠީނުގެ މުސްތަޤިއްލު، މިނިވަން ދައުލަތެއް ޤާއިމުކޮށްފައިވާ ކަމާއި، އިރުމަތީ ޤުދުސް އަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅާފައިވާކަން އިސްރާއީލުން ގަބޫލުކުރަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.