ސިޔާސީ ކަންކަމަކީ ފިސާރި މުނާފިގު ސިފަތަކެއް އެކުލެވޭ ކަންކަމެވެ. އެހެނީ، އިއްޔެ އެންމެ ނަފްރަތާއި ހަސަދައާއެކު ޖެހިގަނެގެން އުޅުނު މީހާ، މިއަދު ނުވަތަ މާދަމާ ހަމަ އެންމެ އެކުވެރި މީހާއަށް ވެދެއެވެ. އަދި ޢުމުރު ދުވަހު އެންމެ އަރިހުގައި އުޅުނު މީހާއަކީ ދުވަހަކުވެސް ގާތްވާން ހެޔޮ ނުވާވަރު މީހަކަށް ހަދާލަނީ ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަދި ހަމަ ދެވަނަފަހަރަށް، ތިންވަނަ ފަހަރަށް ނޫނީ ނިމުމެއް ނެތި، މި ގުޅުން ބަދަލުވެބަދަލުވެ ހުރެއެވެ. މިއީ، ސިޔާސީ މީހުންގެ ޤަބޫލުކުރާ އަދި އަހަރެމެންނަށް ފެންނާންވެސް އޮތް ޙަޤީގަތެވެ. 

މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އަދުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ފަރާތްކަމަށްވާ، އަދި ރައީސް ޔާމީނުގެ އެންމެ އަރިހުގައި މިވީހާ ދުވަހު ހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ (ބަނަފްސާ)އާ ދެމެދު މިހާރު އާދަޔާ ޚިލާފު ގުޅުމުގެ ވާހަކައެވެ. 

ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު ދެން އުފެދުނު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ އިސްވާޖިބެއްގެ ގޮތުގައި ކުރި އެއް މަސައްކަތަކީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލައި، ދައުލަތަށް ލިބެންޖެހޭ އެތަކެއް ސަތޭކަ މިލިއަން ރުފިޔާ ދައުލަތަށް ވެއްދުމެވެ. އަދި ރައީސް އިބްރާހީމްގެ ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައްވައި، ފުލް ސްޕީޑްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ފެށިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެންމެ އިސްކޮށް ތިއްބެވި ދެބޭފުޅުންގެ ތެރޭން ކުރީގެ ނައިބުރައީސް އަހްމަދު އަދީބަށް 20 އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. އަދި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަށް 31 އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. އަދި މި ޚިޔާނާތުގެ ބައިވެރީންގެ ގޮތުގައި ތަހްގީގީ އިދާރާތަކުން 280 ވަރަކަށް މީހުންގެ ނަން ހިމެނޭ ލިސްޓެއް އެކުލަވައިލިއެވެ. ނަމަވެސް ރައީސް އިބްރާހީމަށް އެ ލިސްޓުން، ޚިޔާނާތްތެރިވި މީހެއްކަމަށް ފެނުނީ އެންމެ ނަމެކެވެ. އެއީ ރައީސް އިބްރާހީމަށް އެވަގުތު ސިޔާސީގޮތުން އޮތް އެންމެ ބޮޑު ޗެލެންޖު ކަމަށްވާ ކުރީގެ ރައީސް ޔާމީނެވެ. އެހެންކަމުން، ޔާމީނަށް މަތިމައްޗަށް ޝަރީއަތްކުރަމުންގޮސް 11 އަހަރުގެ ޖަލުހުކުމެއް އިއްވިއެވެ. ނަމަވެސް ރައީސް އިބްރާހީމް ވެރިކަން ނިންމަވާލެއްވީ، އަދީބާއި ޒިޔަތުވެސް މިނިވަންކުރައްވައި ކޮރަޕްޝަނުގެ ޒީރޯޓޮލަރެންސްގެ މާނަ ދިވެހީންނަށް ފިސާރި ރަނގަޅަށް ވިދާޅުވެދެއްވައިފައެވެ.

ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމާއެކު، އެވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ އިދިކޮޅު ފިކުރުކަމަށްވާ، ޔާމީން ލީޑުކުރައްވަމުން ގެންދެވި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނުހަނު ބޮޑު ހިތާމަޔާ ކުރިމަތިވިއެވެ. ނަމަވެސް، ޔާމީނު އެންގެވީ، ޕާޓީގެ ލީޑަރޝިޕުން އެމަނިކުފާނު އަންގަވާގޮތަށް ކުރިއަށް ދިއުމަށެވެ. އަދި އެމަނިކުފާނުގެ މައުސޫމުކަން ސާބިތުކުރެވެންދެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށެވެ. އެ މަސައްކަތުގައި ދެ ޕާޓީ ލީޑުކުރައްވާނޭ ބޭފުޅެއްގެ ގޮތުގައި، ޔާމީނު ނެންގެވީ، އެމަނިކުފާނާއެކު 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސިޔާސީ މަސައްކަތްކުރެއްވި އަދުރޭއެވެ. ނުވަތަ ބަނަފްސާއެވެ. 

ޔާމީނުގެ އިރުޝާދާއެކު އަދުރޭގެ ނިޔަމި ކަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ރިޔާސީ އިންތިޚާބާ ކުރިމަތިލީ، ޔާމީން މިނިވަންވެ، ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއަށް ގެނެސްދެއްވި ތަރައްގީ އާހަރުފަތަކަށް ގެނައުމުގެ އުންމީދާއެކުއެވެ. ނަމަވެސް، ރާއްޖޭގައި ނުހަނު އިންސާފާއި ޢަދުލުވެރިކަމާއެކު ހިނގަމުން އަންނަ، ޝަރުޢީ ނިޒާމުގެ ތެރޭން ކުރިހޯއްދަވައި އިންތިޚާބާ ހަމައަށް ވަޑައިގަތުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައެއް ނުގަތެވެ. އެހެންކަމުން، ޔާމީން އަދުރޭއަށް އެންގެވީ، އެމަނިކުފާނުގެ އިންތިޚާބީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ސެނެޓަށް ގަބޫލުކުރެވޭ ނަމަ، މިފަހަރުގެ އިންތިޚާބު ބޮއިކޮޓްކުރުމަށް އެދޭ ކަމަށެވެ. ނަމަވެސް އެގޮތަށް ބޮއިކޮޓްކުރުމުގެ ބަދަލުގައި ސެނެޓުން ނިންމީ އިންތިޚާބުގައި ވާދަކުރުމަށެވެ. 

ސެނެޓްގެ ނިންމުމާ އެއްގޮތަށް، އެންމެ ފަހުން ގޮތްދޫކުރައްވައި، ރައީސް ޔާމީންވެސް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރުން ކަމަށެވެ. އެގޮތުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު، އަދި ރަނިންގމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ހަމަޖައްސައި ޕީޕީއެމްގެ ސަފުތައް ރުކުރުވައިލީ، "ޙަރާމް ޙުކުމެއްގައި ޖަލަށް ލާފައިވާ ރައީސް ޔާމީނު މިނިވަންކުރަން" އަދި "ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން" ރައީސް އިބްރާހީމްގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. ޑރ. މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގައި އެންމެ ގިނައިން ބޭނުންކުރި ޝިޢާރުތަކަކީވެސް އެއީއެވެ. ރައީސް ޔާމީނު މިނިވަންކުރުމެވެ. އިންޑިއާ ސިފައިން ބޭރުކުރުމެވެ. މީގެ އިތުރުން ކެމްޕޭނުގެ ކޮންމެ ޖަލްސާއެއްގައި ރައީސް ޔާމީނުގެ ނަން ލިޔެފައި ހުންނަ ހުސްގޮނޑިއެއް ގެންގުޅުނެވެ. ކެމްޕޭނުގެ ބިލްބޯޑުތަކާއި ބެނާތަކުގައި ޖަހާ ފޮޓޯތަކުގައިވެސް ކުރިއަށް ފެންނާނީ ރައީސް ޔާމީނެވެ. ކެންޑިޑޭޓާއި ރަނިންގމޭޓު ފެންނަނީ ޔާމީންގެ ފޮޓޯގެ ފަހަތުންނެވެ. ކެމްޕޭނުގައި ވިއްކި މެނިފެސްޓޯއަކީވެސް މިއެވެ. 

ކޮންމެއަކަސް ރައީސް ޔާމީނުގެ ޒަޢާމަތުގައި ޤައުމަށް ގެނައި ތަރައްގީއާއި ރައްޔިތުންނަށް ލިބުނު ތަނަވަސްކަމާއި، ރައީސް އިބްރާހީމްގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށާއި، ދިވެހި ޤައުމަށް ލިބުނު އިންތިހާއީ ނިކަމެތިކަމާއި، ވަކި ގައުމެއްގެ އުނގަށް ދައުލަތް ވެއްޓި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވާ ހިސާބަށް ދިޔުމާއި، އަދި ދަރަނި ބޮޑުވެ ގައުމު ބަނގުރޫޓުވެދާނޭ ކަމުގެ ބިރާއެކު، ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކޮށްފިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވަފާތެރީން ސިފަކުރާ ގޮތުން ޑރ. މުޢިއްޒަށް އިންތިޚާބު ކާމިޔާބުވި ހިސާބުން ފެށިގެން، އިންތިޚާބު ތެރޭގައި ކިޔަމުންދިޔަ ހުރިހާ ޅެމެއް ވަނީ ފަރިއްސަށް ބަދަލުވެފައެވެ.

ޑރ. މުޙައްމަދު މުޢިއްޒު، ރައީސް ޔާމީނަށް ޚާއްސަ ހުސް ގޮނޑި، ޢަބްދުއްރަހީމް ޢަބްދުﷲ-- ފޮޓޯ: މިހާރު

 

އިންތިޚާބީ ރައީސް ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމަށް، ރައީސް އިބްރާހީމް، ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވިއެވެ. އަދުރޭ ވިދާޅުވާ ގޮތުން، ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވި ދުވަހު، އެމަނިކުފާނު އަދުރޭއާ އިންތިޚާބީ ރައީސް ޑރ. މުޢިއްޒާ މެދު ކަންކުރެއްވީ ވަރަށް އިހާނެތިކޮށެވެ. އެމަނިކުފާނު ވަޑައިގަންނަވާތީ ދެ ބޭފުޅުންވެސް ތިއްބެވީ އެންމެ ކުރީގައި ކަމަށާއި، ނަމަވެސް، ޢާންމުގޮތެއްގައި އެހެން ދިމާވާ ފަހަރުތަކުގައި ބައްދާލާފައި ކޮނޑުގަ ޖަހާލާ އުސޫލުނ އެދުވަހު ޢަމަލު ނުކުރެއްވުމުން އަދުރޭއަށް އެކަން ސިފަވީ ބޮޑު ބަދަލަކަށެވެ. އޭގެ ފަހުން އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރާން ބޭއްވި ޖަލްސާއިން އެއްކަލަ ހުސްގޮނޑި ގެއްލިއްޖެއެވެ. އަދި، ރައީސް ޔާމީން މިނިވަންކުރާން ގޮވާލައި އެއްވުންތައް ނުބޭއްވުމަށް ޑރ. މުޢިއްޒު އެދިވަޑައިގަތެވެ. ނަމަވެސް، "ޔާމީނުގެ ވަފާތެރީން" އެރޭވެސް އިހްތިޖާޖަށް ނުކުތީއެވެ.

އޭގެ ފަހުން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން ޔާމީނު މިނިވަންކުރުމުގެ ވާހަކަ އަޑެއް ނީވެއެވެ. އަދި ކުރިން ކޯޓުތަކަށާއި މުއައްސަސާތަކަށް ވަޑައިގެން ޔާމީނުގެ ދިފާޢުގައި އުޅުއްވި ލީޑަރޝިޕް ބޭފުޅުން މިހާރު ޝަރީޢަތުގެ އަޑުއެހުމަކުންވެސް ނުފެނެއެވެ. އިންތިގާލީ މަރުހަލާގެ ބުރަކަމާއެކު އެކަމަށް ސަމާލުކަން ނުދެވުނީކަމަށްވެސް ވެދާނެއެވެ. ނުވަތަ ޔާމީނު މިނިވަންކުރާން ވޯޓުދިން ރައްޔިތުންގެ ކެތްތެރިކަން ކުޑައީކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް، އަދުރޭ ވިދާޅުވަނީ، އަދާ ހަމައަށް ވެސް އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށެވެ. ނަމަވެސް، އެންމެ މީހަކަށްޓަކައި މުޅި ޕާޓީ މަގުމަތިކޮށްލުމަކީ ކުރާވަރު ކަމެއް ނޫންކަމަށެވެ. އެހެންވެ ވެރިކަން ދަމަހައްޓާން މަސައްކަތްކުރައްވަނީ ކަމަށެވެ. 

އަދުރޭއަށް ނިސްބަތްކުރައްވައި ރައީސް ޔާމީން ވިދާޅުވިކަމަށް އަދުރޭ ވިދާޅުވަނީ މި ތިން ލަފުޒެވެ. "ތިމަންނަގެ ސިޔާސީ އެންމެ ގާތް އަހު، ތިމަންނަ އެންމެ އިތުބާރުކުރާ، ތިމަންނައާ އެކު ސިޔާސީ މަސައްކަތުގައި އެންމެ ގިނަ ދުވަސްވީ،" މީހާ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން ހަވާލުކުރެއްވި މަސްއޫލިއްޔަތުތައް އަދާކުރަނިކޮށް ކުއްލިއަކަށް ގުޅުން ކަނޑާލީމާ ކުރެވެނީ ފަސޭހަ އިޙްސާސްތަކެއް ނޫންކަމަށެވެ. އަދުރޭ ވިދާޅުވާގޮތުން، ރައީސް ޔާމީނު އަބަދުވެސް އެންމެ ފުރަތަމަ ގުޅުއްވާނީ އޭނާއަށެވެ. ނަމަވެސް މިފަހަރު ގެއަށް ބަދަލުކުރި ފަހުން އެއްގޮތަކަށްވެސް ނުގުޅުއްވައެވެ. ކުރީންވެސް އިސްވެ ގުޅުއްވާނީ، ނުވަތަ މެސެޖްކުރައްވާނީވެސް ރައީސް ޔާމީނުކަމަށެވެ. ނަމަވެސް މިހާރު އެފަދަ ކޯލެއްވެސް އަދި މެސެޖެއްވެސް ޔާމީނުގެ ފަރާތުން ނުލިބޭ ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒަށްވެސް ނުގުޅުއްވާ ކަމަށެވެ.  

އަދުރޭ އެހެން ވިދާޅުވި ނަމަވެސް، ޔާމީނުގެ އެންމެ އިސް ޤާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވަނީ އަދުރޭ އިތުރުފުޅު ހައްދަވަނީ ކަމަށެވެ. އަދުރޭގެ ވާހަކައަށް ރައްދުދެއްވައި ޑރ. ޖަމީލް ވިދާޅުވީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުގެ ރޭ 21:43 ގައި ރައީސް ޔާމީން ޑރ. މުއިއްޒުއަށް "މުއިއްޒު ޕްލީޒް ކޯލް މީ" މިހެންޖައްސަވާ ފޮނުވި މެސެޖް ޑރ. މުއިއްޒު ބެއްލެވުމަށް ފަހު މިއަދާ ހަމައަށްވެސް ޖަވާބެއް ނުދެއްވާ ކަމަށެވެ. އަދިވެސް މިމެސެޖް އެބައޮތް ކަމަށް ޖަމީލް ވިދާޅުވިއެވެ. ކޮންމެއަކަސް މި ކޯޅުންގަނޑުގެ ތެރޭގައި ރައީސް ޔާމީން މިވަނީ، އަދުރޭގެ ބެއްލެވުމުގެ ދަށުގައި އޮތް ޕީޕީއެމްއާއި ޕީއެންސީއާ ވެސް ދުރައްޖެހިވަޑައިގެންފައެވެ. މޯލްޑިވްސް ނޭޝަނަލް ފްރަންޓްގެ ނަމުގައި އާސިޔާސީ ޕާޓީއެއް ވެސް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. އަދުރޭއަށް ނިސްބަތްކުރައްވައި ޑރ. ޖަމީލު ވިދާޅުވަނީ ރައީސް ޑރ. މުޢިއްޒު ހުންނެވީ ޖާހިލެއްގެ އަތްދަށުވެފައި ކަމަށެވެ. 

މިއަދު އަދުރޭ އަކީ އާ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ބޭފުޅާއެވެ. ރައީސް ޑރ. މުޢިއްޒުގެ ސްޕެޝަލް އެޑްވައިޒަރެވެ. ވެރިކަންކުރާ ޕާޓީގެ ޗެއަރޕާސަންއެވެ. އަދުރޭ ވިދާޅުވާގޮތުން އޭނާ އަދިވެސް ރައީސް ޔާމީނަށް ނުހަނު އިޙްތިރާމްކުރެއެވެ. އަދި ރައީސް ޔާމީނަށް ނިސްބަތްކޮށް ކުޑައިމީސް ބަހެއް ވިދާޅެއް ނުވާނޭ ކަމަށެވެ. ރައީސް ޔާމީންގެ ސިޔާސީ އެހީތެރިކަން އަބަދުވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަވާނޭ ކަމަށެވެ.

އަދުރޭ ވިދާޅުވާގޮތުން، ރައީސް ޔާމީނު ގެންދަވަނީ އޭނާއާ ގުޅޭގޮތުން މީހުންނަށް ގުޅުއްވައި "އެކަހަލަ މީހެކޭ މިކަހަލަ މީހެކޭ" ކިޔުއްވަމުންނެވެ. އެހެންކަމުން މިވަގުތު އޭނާ ރައީސް ޔާމީން ފެންނަ ހިސާބަށްވެސް ވަޑައިގަންނަވާން ބޭނުންފުޅު ނުވަނީއެވެ. 

އަދުރޭ ވިދާޅުވީ، "އެއްގޮތަކަށް ވެސް ރުޅިވެރިކަމެއް އޮވެގެނެއް ނޫން. އުނދަގޫވީ، އެފަދަ ބޭފުޅަކު އެހާ ހިތްހަމަނުޖެހިވަޑައިގެން ހުންނަވަނިކޮށް ހަތަރު ކަޅި ހަމަކުރަން އުނދަގޫވި،" ކަމަށެވެ. 

ރައީސް ޔާމީންގެ އަރިސް ބޭފުޅަކު ވިދާޅުވެފައި ވާގޮތުން، އަދުރޭއަށް ރައީސް ޔާމީނާ ހަތަރުކަޅި ހަމަކުރައްވާން ކެރިވަޑައި ނުގަތަސް، ކައިރި މުސްތަގުބަލެއްގައި ރައީސް ޔާމީން އަދުރޭއާ ހަތަރުކަޅި ހަމަކުރައްވާނެއެވެ. ރައީސް ޔާމީނުގެ ސިޔާސީ ނިންމެވުންތަކަކީ، ސިޔާސީ އެހެން ބޭފުޅުން ގޮތަށް، ފިއްތާލައިގެން ހުންނަވައި، އަމިއްލަ ޟަމީރާ ދެކޮޅަށް ނިންމަވާ ނިންމެވުންތަކަކަށް ނުވާނޭ ކަމަށެވެ. އެގޮތުން، ސަރުކާރާއެކު ކުރިއަށް ވަޑައިގަތުމަށް ދަތިތަކެއް ހުރުމުން، ވަގުތު ނަގާ ނުލައްވައި، އަދުރޭއާއި ރައީސް ޑރ. މުޢިއްޒަށް ދެ ޕާޓީ ދޫކޮށްލައްވައި، ރައީސް ޔާމީން އެމަނިކުފާނާ އެކު އުޅުއްވާނޭ ވަފާތެރި ބަޔަކާއެކު މުޅިން އާ ސިޔާސީ ތަޞައްވުރެއްގެ މަސައްކަތް ފެއްޓެވުން އޭގެ ހެއްކެއްގެ ގޮތުގައި ފުދޭ ކަމަށެވެ.