ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން، އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ، ޖޭޕީގެ ޓީމަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވައިފިއެވެ. 

ނަހުލާގެ އިތުރުން މި ބައްދަލުކުރެއްވުމުގައި، ޖޭޕީގެ ބައެއް މެންބަރުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި އަހުމަދު ނިހާނާއި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ރިޔާޒް ރަޝީދާއި، އަޒްލީން އަހުމަދުވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ. 

މި ޚާއްސަ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒުގެ އިތުރުން ސަރުކާރު ޓީމުގައި ހިމެނިވަޑައިގަންނަވަނީ، ރައީސްގެ އިސްމުޝީރު އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަހީމް ޢަބްދުﷲއާއި، ކައުންސިލްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފާއި، ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި، އިގްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި، ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދާއި އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒެވެ.

ބައްދަލުވުމާ ގުޅޭގޮތުން މާބޮޑު ތަފްޞީލެއް ހާމަ ނުކުރައްވައި، ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިހު ވިދާޅުވީ، މި ބައްދަލުވުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖޭޕީއާއި ޕީއެންސީ ގުޅިގެން ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.