ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ޕީޕީއެމުން ވަކިވެވަޑައިގެންފިއެވެ. 

ޕީޕީއެމްގެ ލީޑަރޝިޕްގައި މައްސަލަ ޖެހި، ރައީސް ޔާމީންވެސް އެޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާން ނިންމަވާފައި ވާއިރު، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އަހުމަދު ޕީޕީއެމުން ވަކިވެވަޑައިގެންފައި ވަނީ، މިއަދުގެ ވަގުތެއްގައެވެ. 

މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން، އާ ސިޔާސީ ޕާޓީއެއް އުފައްދަވާން އުޅުއްވާއިރު، އެމަނިކުފާނުގެ ފަރާތުން މީޑިއާގައި ވާހަކަ ދައްކަވަނީ، ޕީޕީއެމްގެ ކުރީގެ ސެނެޓަރ އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަދި ޑރ. ޖަމީލަށް ބޮޑުބޭބެ ވިދާޅާ މުހައްމަދު މަލީހް ޖަމާލެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވާގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، ރައީސް ޔާމީން ވަނީ ބާކީކޮށްލައިފައެވެ. އަދި ރައީސް ޔާމީން ގުޅުއްވީމަ، ރައީސް މުއިއްޒު ފޯނު ވެސް ނުނަންގަވާ ކަމަށްވެއެވެ.