މަގާމަށް އައްޔަނުކުރެއްވިތާ 4 ދުވަސް ތެރޭ އިތުރު ސްޓޭޓް މިނިސްޓަރެއްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަކިކުރައްވައިފިއެވެ. 

މިފަހަރު ވަޒީފާއިން ބޭރުކޮށްފައި ވަނީ، މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ޏ. ފުވައްމުލައް މިސްކިތްމަގު، މާވޭދު، މުންއިމް އަނީސްއެވެ. 

ރައީސް މުޢިއްޒުގެ ކެބިނެޓްގެ ޓޫރިޒަމް މިނިސްޓަރަކަށް އައްޔަންކޮށްފައި ވަނީ، ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހީމް ފައިސަލްއެވެ.

މަޢުލޫމާތު ލިބޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް މިހާތަނަށް އައްޔަންކުރެއްވި ހަމައެކަނި އެމަގާމަށް އަންޔަނުކޮށްފައި ވަނީ، ޗެއާޕާސަން އަބްދުއްރަހީމްގެ ނުފޫޒުގައެވެ. ނަމަވެސް، ކުރީގެ ސަރުކާރުން ދިން ސިޔާސީ މަގާމެއްގައި މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި އުޅެފައިވާތީ ޕީއެންސީގެ އިސް ބޭފުޅުންތަކެއް ޝަކުވާކުރުމާ ގުޅިގެން އޭނާ އެމަގާމުން ވަކިކުރީ ކަމަށްވެއެވެ. 

ރައީސް މުޢިއްޒު ވަނީ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވި، މުހައްމަދު ފަހުމީ ހަސަން ވެސް މަގާމުން ވަކިކޮށްފައެވެ. މި ދެބޭފުޅުންނަކީ ވެސް ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ދެބޭފުޅުންނެވެ.