ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީސް ހަދާފައިވާ ޢިމާރާތް ހުސްކުރާން އެ ޢިމާރާތުގެ ވެރިފަރާތުން އެ ޕާޓީއަށް އަންގައިފިއެވެ. 

އާޓިފިޝަލް ބީޗް ކުރިމައްޗަށްވާ ގޮތަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ހުރަފާ ގޭގެ ވެރިފަރާތުން ޕީޕީއެމްއަށް އަންގާފައި ވަނީ، އެ ޢިމާރާތް ކުއްޔަށް ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް، ޔާމީންގެ އޮފީހެއް ހިންގަން އެ މަނިކުފާނު ބޭނުންފުޅުވާތީ ކަމަށެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ކުރީގެ ރައީސް ޔާމީނާ ދެމެދު ގުޅުން ހީނަރުވެ، ޕީއެމްގެ ލީޑަޝިޕާވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޔާމީން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައިކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ޢިއުލާނުކުރައްވައިފައެވެ. 

ޕީޕީއެމްގެ އޮފީސް ހުސްކުރާން އަންގާފައި ވަނީ، އެ ތަނުގައި އެ ޕާޓީގެ ސެނެޓް ބައްދަލުވުމެއް ބާއްވާން ހަމަޖެހިފައި ވަނިކޮށެވެ. ނަމަވެސް، ފަހުން ޕާޓީން ވަނީ ބައްދަލުވުން ބާއްވާނޭ ތަނަކާއި، ގަޑިއާއި ތާރީޚަށް ބަދަލުގެނެސްފައިވާކަން ސެނެޓަރުންނަށް އަންގައިފައެވެ.