ގާނޫނުއަސާސީގެ ދަށުން ކޮންމެ މީހަކަށް ކަށަވަރުކޮށްދޭ އެންމެހައި މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރު ކުރުމާ ގުޅޭ މަސައްކަތްތައް ކުރުމަށް، "އޮފީސް ފޯ ސިވިލް ރައިޓްސް" ގެ ނަމުގައި ބަންޑާރަ ނައިބު އޮފީހުގެ ދަށުން، ރައްޔިތުން ޝަކުވާ ހުށަހަޅާނެ ރަސްމީ ނިޒާމެއް އާ ސަރުކާރުން ގާއިމުކޮށްފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، "ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ދަށުން ލިބިދޭ މަދަނީ ޙައްޤުތައް ކޮންމެ މީހަކަށްވެސް ލިބިދޭކަން ކަށަވަރުކުރުމާގުޅޭ މަސައްކަތްތައް، މި އޮފީހުގެ ދަށުން ޤާއިމްކޮށްފައިވާ އޮފީސް ފޮރ ސިވިލް ރައިޓްސްއިން ފަށައިފި" ކަމަށެވެ.
ރައީސް އޮފީހުން ބުނެވައިވާ ގޮތުގައި، ރައްޔިތުންނަށް އެންމެހައި މަދަނީ ހައްގުތައް ލިބިދޭކަން ކަށަވަރުކުރުމަކީ މަދަނީ ހައްގާ ގުޅޭ އޮފީހުން ކުރަން ޖެހޭނެ ކަމެކެވެ. އެގޮތުން، ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ މަދަނީ ހައްގުތައް ހިމާޔަތްކޮށް ކަށަވަރުކޮށްދެވޭނެ ގޮތަށް އެ މުއައްސަސާތަކުން ކަންކަން ކުރަމުންގެންދޭތޯއާއި، ސަރުކާރުގެ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތައް މުރާޖައާކޮށް، ކަމާގުޅޭ މަޝްވަރާއާއި ލަފާ ދިނުމަކީ ވެސް މި އޮފީހުން ކުރާން ޖެހޭ ކަމެކެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، މަދަނީ ހައްގުތައް ލިއްބައި ނުދީ ހިފެހެއްޓުމާ ގުޅޭ ގޮތުން މީހުން ކުރާ ޝަކުވާތައް، "އޮފީސް ފޯ ސިިވިލް ރައިޓްސްއަށް ޝަކުވާ ހުށަހެޅުމާގުޅޭ ގައިޑްލައިން" އާ އެއްގޮތުގެ މަތިން ބަލައި އެ އޮފީހުން ފިޔަވަޅު އަޅާނޭ ކަމަށެވެ.
މަދަނީ ހައްގު ހޯދުމަށް ފުރިހަމަކުރާން ޖެހޭ ޝަކުވާ ފޯމު، އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓުން ލިބޭނޭ ކަމަށް އެ އޮފީހުން މަޢުލޫމާތުދެއެވެ.
"އޮފީސް ފޯ ސިވިލް ރައިޓްސް" ގެ ނަމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޮފީހެއް އުފައްދަވާފައި ވަނީ، 17 ނޮވެމްބަރު 2023ގައެވެ.