ގޭބަންދުގައި ހުންނަވައިގެން 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށްފަހު އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފިއެވެ. 

ރައީސް ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ، ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލެވެ. ޕީޕީއެމްއިން ވަނީ، ޕާޓީ ބައިބައި ކުރާންއުޅޭ ކަމަށް ބުނެ އެ ޕާޓީގެ ސެނެޓަރެއްގެ މަގާމުގައި ހުންނެވި މަލީހު އެ ޕާޓީން ވަކިކޮށްފައެވެ. 

މަލީހު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އުފައްދަވާ އާ ޕާޓީގެ މަސައްކަތް ހުކުރު ނަމާދު ކުރިން ކަނޑައެޅި ލަނޑުދަނޑި ހާސިލްވީތީ މާތްﷲއަށް ޝުކުރުވެރިވާ ކަމަށެވެ. 

ޕާޓީގެ މަސައްކަތް ކުރިއަށް ދަނީ "ޔާން ސްޕީޑް"ގައި ކަން ފާހަގަކުރައްވައި މަލީހު ވިދާޅުވީ، މިހާރު އާ ޕާޓީގެ އަސާސީ ޤަވާއިދުގެ ޑްރާފްޓް ނިމިއްޖެ ކަމަށާއި އަދި ލޯގޯއާއި ޕާޓީގެ ނަން ވެސް ފާސްކުރެވިއްޖެ ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު އިދާރީ ސެޓްއަޕްވެސް ނިންމާނޭކަން އޭނާ ފާހަގަކުރެއްވިއެވެ. 

ރައީސް ޔާމީން ޕީޕީއެމާ ދުރަށް ވަޑައިގަތީ، ރައީސް މުޢިއްޒު ވެރިކަމަށް އިންތިޚާބުވީފަހުން، ރައީސް ޔާމީނާ ވަރަށް ބޮޑަށް ގުޅުން ކަނޑާލައްވައި، ސަރުކާރުގެ ކަންކަން ރޭވުމުގައި އެމަނިކުފާނުގެ އެއްވެސް ލަފާފުޅެއް ނުހޯއްދެވުމާއި، އަދި ފޯނުކޯލަށް ޖަވާބެއްވެސް ނުދެއްވާ ހިސާބަށް ކަންކަން ދިއުމުން ކަމަށް، އެމަނިކުފާނުގެ ޤާނޫނީ ވަކީލު، އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވަނީ ވިދާޅުވެފައެވެ.