މިދިޔަ ހޯމަ ދުވަހު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ރައީސް ޑރ. މުޙައްމަދު އައްޔަންކުރެއްވި، ސީއެސްސީގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން، އެ މަގާމަށް އައްޔަން ކުރެއްވިތާ ހަތަރު ދުވަސް ފަހުން މަގާމުން ވަކިކޮށްފިއެވެ.

ރައީސް މުޢިއްޒު ޚާރިޖިއްޔާގެ ސްޓޭޓް މިނިސްޓަރަކަށް ފަހުމީ އައްޔަންކުރެއްވުމުން، ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު ވަނީ، ރައީސްގެ މި ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. 

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސަކަށް ފަހުމީ ހުންނެވި އިރު، އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލީހުން މައްސަލަ ތަހުގީގުކޮށް، ކޮމިޝަންގެ ރައީސްކަމާއި މެމްބަރު ކަމުން އޭނާ ވަނީ ވަކިކޮށްފައެވެ. ނަމަވެސް ފަހުން ފަހުމީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން، ސުޕްރީމް ކޯޓުން ނިންމީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖުރައާތެއް ބާތިލް ކަމަށެވެ. އެހެންވެ، ފަހުމީ ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން ދައުލަތުން ގެއްލުމުގެ ބަދަލުވެސް ހޯއްދަވައިފައެވެ.

ސީއެސްސީގެ ރައީސްކަމުން ވަކިކުރެއްވި ފަހުން ފަޚުމީ ހުންނެވީ ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައިވާ ހައި-ކޮމިޝަނަރުގެ މަގާމުގައެވެ.