ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމެން އެންމެ ފުވަހަކަށް ވެފައި ވަނިކޮށް، ތިލަމާލެ ބްރިޖް އަޅަން ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް އެ މަސައްކަތް ނިންމުމަށް ވަނީ އިތުރު 3 އަހަރު ދެއްވައިފައެވެ. 

ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ހިމެނޭ ސަރައްހައްދު ގުޅުވާލުމަށް ރައީސް އިބްރާހީމްގެ ސަރުކާރުން ފެށި ބިޔަ މަޝްރޫޢަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) މަޝްރޫޢެކެވެ. ރައީސް އިބްރާހީމްގެ ސަރުކާރުން 2021 ސެޕްޓެމްބަރު 16ގައި އެފްކޮންސްއާއެކު ސޮއިކުރީ އެ ހުރިހާ މަސައްކަތެއް 2024 ވަނަ އަހަރުގެ މެއި 17އަށް ނިންމާ ގޮތަށެވެ. 

ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އެ ބްރިޖް ކުރިއަށް ގޮސްފައިވާ ޙާލަތު ބަލައިލާން ދިޔައިރު، ބްރިޖުގެ މަސައްކަތް ގޮސްފައިވަނީ، އެންމެ 29 ޕަސެންޓަށް ކަމަށް ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުވަނީ ވިދާޅުވެފައެވެ. އަދި އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ކުރިއަށް ދިޔަނަމަ، 81 އިންސައްތަ މަސައްކަތް ނިމެންޖެހޭ ކަމަށްވެސް ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވިއެވެ. 

"އެފްކޮންސް އާއި ދިވެހި ސަރުކާރުން އެ ދުވަހު (16 ނޮވެމްބަރު 2023) ސޮއިކުރި ސަޕްލިމަންޓްރީ އެގްރިމަންޓުގައި މަސައްކަތް ނިންމަން އޮތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 އާއި ހަމައަށް،" މުއްތޮލިބު ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހީމްގެ ސަރުކާރުން، ދިވެހި ދައުލަތަށް ގެއްލުންވާ މިފަދަ އެތައް ކަމެއް ހިންގާފައި ވީ ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން އެކަންކަން މާ ބޮޑުކަމަކަށް ހަދައިގެން އުޅޭ މަންޒަރެއް މިހާރު ނުފެނެއެވެ.