ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާދެއްވުމާ ގުޅިގެން ހުސްވެފައިވާ، އެމްޑީޕީގެ ރައީސް ކަމުގެ މަޤާމަށް، ވަގުތީގޮތުން ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ޞާލިޙު ހަމަޖައްސައިފިއެވެ. 

ރައީސް އިބްރާހީމް އެމްޑީޕީގެ ވަގުތީ ރައީސްކަމަށް ހަމަޖައްސާފައި ވަނީ، އއ. އުކުޅަހުގައި މިހާރު ހިނގަމުންދާ އެ ޕާޓީގެ ގައުމީ މަޖިލީހުންނެވެ. މީގެ އިތުރުން ކުރީ ސަރުކާރުގައި ތިއްބެވި ވަޒީރުންގެ ތެރެއިން ޕާޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ގައުމީ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ހަމަޖައްސަން ވެސް ގައުމީ މަޖިލީހުން މިރޭ ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ، ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭ ކަމާއި އެ މީހުން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ނަގާލަން ރާވަމުން ދިޔަ ކަމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ވާހަކަ އާއި ދައުލަތް ޝާމިލްވެ ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ޕަބްލިކް އިންކުއަރީއެއް ހަދަން އެ ޕާޓީގެ ޕީޖީ ގްރޫޕަށް ހުށަހަޅާންވެސް ނިންމައިފައެވެ. 

މީގެ އިތުރުން ސަރުކާރު ޒިންމާދާރުކުރަން ޚާއްސަ ކޮމިޓީއެއް އެކުލަވައިލުމާއި، ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބައްޓަން ކުރުމަށް ބާރު އެޅުމަށާއި އަދި އެމްޑީޕީއަށް މެންބަރުން އިތުރުކުރާންވެސް ވަނީ ގައުމީ މަޖިލީހުން ފާސްކޮށްފައެވެ.