އާ ސިޔާސީ ޕާޓީއެއް ހައްދަވާން ނިންމަވައި، ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޕީޕީއެމް ދޫކޮށްލައްވާން ނިންމަވައި އެކަން ހާމަކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ޤާނޫނީ އިސް ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ޗެނަލް13 މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ޕީޕީއެމް ދޫކޮށްލައްވާން ނިންމެވި ނިންމެވުމަކީ، ރައީސް ޔާމީނަށް ފަސޭހަފުޅު ނިންމެވުމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަގާމަށް އިންތިޚާބުވިފަހުން، ރައީސް ޔާމީންގެ ފޯނު ނުނަންގަވާކަމަށާއި، އަދި އެ ޕާޓީގެ ލީޑަރޝިޕުން ރައީސް ޔާމީނާ ވަރަށް ދުރަށް ވަޑައިގެންފައިވާ ކަމަށެވެ.
"ރައީސް ޔާމީނާ މަޝްވަރާއެއް ނުކުރައްވާ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު ރައިސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ރައީސް ޔާމީނާ މަޝްވަރާ ކުރައްވައިގެން ޕާޓީ ހިންގަން ބޭނުމެއް ނުވޭ،" ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ދެވަނަ ފަހަރު އިޚްތިޔާރުކުރެއްވި ޑރ. ޖަމީލް ވިދާޅުވީ، "ޑރ. މުޢިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ." ކަމަށެވެ.
ޕީޕީއެމް އޮތީ ބަޔަކު ހައިޖެކްކޮށްފައި ކަމަށް ސިފަކުރައްވައި، ރައީސް މުޢިއްޒަށާއި އަދި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޑރ. މުއިއްޒާއި ލީޑާޝިޕްގެ ބޭފުޅުން ޔާމީންގެ ފަހަތްޕުޅުގައި އޭރު ތިއްބެވީ ވެރިކަމުގެ ބޭނުމުގައި ކަމަށާއި، އަދި އެކަން ފުދުމުން ރައީސް ޔާމީން އެކަހެރިކޮށްލާފައިވާ ކަމަށެވެ.
"ޑރ. މުއިއްޒު ވެސް ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ޓަކައި އެކަން ކޮށްދެއްވާނެ ކަމަށް. އެހެން ނަމަވެސް ރައީސް ޔާމީން މިއަދު އެ މަސައްކަތް ކުރައްވަނީ ގިނިކަންޏާ. މިއަދަކު ނުވެއް ފެނޭ ލީޑާޝިޕްގެ ބޭފުޅުންނެއް ވެސް،" ޖަމީލް ވިދާޅުވިއެވެ.