ޕީޕީއެމްގެ ސެނެޓަރެއްގެ ގޮތުގައި ހުންނަވައި އެ ޕާޓީ ބައިބައިކުރުމާއެކު ބަދުނާމުކުރަމުންދާ ކަމަށް ބުނެ، ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ޕީޕީއެމުން ވަކިކޮށްފިއެވެ.

މަލީހު ޕީޕީއެމުން ވަކޮށްފައި މިވަނީ، އެ ޕާޓީގެ ކޮންގްރެހުން ފާސްކޮށް އެ ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން، އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތީ ކޮމިޓީއެއް އެކުލަވާލައްވައި، މަލީހުގެ އިސްނެގުމުގެ މަތީން އެ ކޮމިޓީން ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވާފައި ވަނިކޮށް އެކަމާ ގުޅިގެން އޭނާ ސަސްޕެންޑުކުރުމަށް ފަހުއެވެ. 

ޕީޕީއެމްގެ ނައިބު ރައީސް އަދި ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ސޮއިކުރައްވައި، މަލީހަށް ފޮނުވި ސިޓީގައި ވަނީ، "މަނިކުފާނުގެ ފަރާތުން ޕާޓީއަށް އިޔާދަކުރަން ދަތިވާ ފަދަ ގެއްލުންތަކެއް ކުރިމަތިވެ، ޕާޓީގެ މެމްބަރުންގެ މެދުގައި ބައިބައިވުން އުފެދި ފިތުނަ ވެގެންދާނެކަމަށް ކޮމިޓީއަށް ފެންނާތީއާ އަދި އިތުރަށް މަނިކުފާނު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމިހުރެއްޖެނަމަ ޕާޓީއަށް މި ނޫންވެސް އިތުރު ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް ސުލޫކީ ކޮމިޓީއަށް ފެންނާތީީ" ނޮވެމްބަރު 23، 2023 ވަނަ ދުވަހު ޕާޓީ އޮފީހުގައި ބޭއްވި ސުލޫކީ ކޮމިޓީގެ ބައްދަލުވުމުގެ އިއްތިފާގުން މަލީހު އެ ޕާޓީން ވަކިކުރާން ނިންމާފައިވާ ކަމަށެވެ. 

ސުލޫކީ ކޮމިޓީއަށް ހާޒިރުވާން ދެ ދުވަހެއްގެ މަތިން އެންގުމުން ވެސް އެކަމަށް އިޖާބަދީފައިނުވާ ކަމަށާއި، ޕާޓީގެ ރައީސް ޔާމީންގެ ނަންފުޅުގައި އިތުރުފުޅު ހައްދަވައި އެ މަނިކުފާނުގެ އަބުރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާކަމަށް ވެސް އެ ސިޓީގައި ވެއެވެ.