އިޒްރޭލުގެ އިސްތިޢުމާރީ ދައުލަތުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވާން ބޭނުންނަމަ، އިޒްރޭލަށް އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނުވިއްކުމަށް، ސައޫދީ ޢަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ގޮވާލައްވައިފިއެވެ. 

ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ގުޅިގެން އުފައްދާފައިވާ ޖަމިއްޔާ ބްރިކްސްގެ ޚާއްސަ މަހާސިންތާގައި ވާހަކަ ދައްކަވަމުން ސައޫދީ ވަލީ އަހުދު އެމްބީއެސް ވިދާޅުވީ، އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ނެރެ ފައްސައިލުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށާއި، އަދި އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވަން، އިޒްރޭލާ އެކުގައި އަސްކަރީ ވިޔަފާރި ކުރުން ހުއްޓައިލަންޖެހޭ ކަމަށެވެ.

އަމީރު އެމްބީއެސް ވަނީ، އިޒްރޭލާ ހަމާސްއާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ސައޫދީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި 1967 ވަނަ އަހަރުގެ އިމާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް މަގު ފަހިކޮށްދޭ ސުލްހައިގެ ވާހަކަތައް ފެށުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ. 

ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާޢަތް "ހަމާސް"އާއި، ފަލަސްޠީނުގެ ބިންތައް ގަދަކަމުން ފޭރިގަނެގެން އުޅޭ ސަޙްޔޫނީ އިޒްރޭލުގެ އަސްކަރިއްޔާއާ ދެމެދު އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ބަދަލުކުރެވެމުންދާ ހަމަލާތައް 4 ދުވަހަށް މެދުކަނޑާލައިފައެވެ. ހަނގުރާމަ މެދުކަނޑާލާފައި ވަނީ، އަސީރުން ބަދަލުކުރުމާއި، ޣައްޒާއަށް ބޭހާއި ކާބޯތަކެއްޗާއި، ތެލާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.