ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ކުރިއަށް އޮތް 5 އަހަރު ތެރޭ 1000 މީހުން ހިލޭ ހައްޖަށް ފޮނުވައި ދެއްވާނޭކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންގެ ވަޢުދުފުޅާ އެއްގޮތަށް، ހިލޭ ޙައްޖަށް ފޮނުވާ ފުރަތަމަ ބެޗް އަންނަ އަހަރު ހައްޖަށް ފޮނުވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި މ. މުލަކުގައި ބޭއްވި ކެމްޕޭމް ޖަލްސާއެއްގައި ޑރ. މުޢިއްޒު ވަނީ، އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިޔުމުގެ ތަނަވަސްކަން ނެތް ނިކަމެތީންގެ ތެރޭން، 1000 މީހަކަށް ޙައްޖަށް ދިއުމުގެ ފުރުސަތު އެމަނިކުފާނުގެ ސަރުކާރެއްގައި ހޯއްދަވައިދެއްވާނޭ ކަމަށް ވިދާޅުވެފައެވެ. 

މިކަމާ ގުޅޭގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. ޝަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ހަރަދުގައި ހިލޭ މި މީހުން ހައްޖަށް ފޮނުވުމަށް ކަނޑައަޅާ އުސޫލާއި ކޯޓާގެ އަދަދު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.

"މިއަންނަ ޙައްޖުގައި އިންޝާﷲ މީގެ ފުރަތަމަ ބެޗް ޙައްޖަށް ފޮނުވޭނެ." ޑރ. ޝަހީމް ވިދާޅުވިއެވެ. "ކޯޓާގެ ރަސްމީ އަދަދު ހަމަ ޖެހުމުން ފޮނުވާނެ އަދަދަދު އިއުލާންކުރެވޭނެ. މިއަށް މީހުން ކަނޑައަޅާ އުޞޫލު ވަރަށް އަވަހަށް އިއުލާންކުރާނަން."