ރައްޔިތުންގެ މަޖިލީހުގެ މެޖޯރީޓީ ޕާޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު ކަމުގައި ހުންނެވި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އިންތިހާބު ކުރުމާއެކު އޭނާ އެމަގާމުން އިސްތިއުފާ ދެއްވުމުން، އެމަގާމަށް ވާދަކުރައްވައި، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އިންތިހާބު ކޮށްފިއެވެ. 

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި މިކަަމަށް ނެގި ވޯޓުގައި ބިގޭއާ ވާދަކުރެއްވީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމެވެ. 

ބިގޭ މި އިންތިޚާބު ކާމިޔާބުކުރެއްވީ 28 ވޯޓުންނެވެ. އެންމެ ކައިރިން ވާދަކުރެއްވި ޖާބިރަށް ލިބިވަޑައިގަތީ 20 ވޯޓެވެ. އަދި ޣަނީއަށް ލިބިވަޑައިގަތީ އެންމެ 2 ވޯޓެވެ. 

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން، ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މުއްދަތަކީ 2 އަހަރާއި 6 މަސް ދުވަހެވެ.