މިސްކިތް ފަންޑު ތަރައްގީކޮށް ފުޅާކުރުމަށްޓަކައި އަޅާ ދެވަނަ ވަޤުފު ޢިމާރާތުގެ ބިންގާ، އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުމާލޭގައި އަޅާނޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޑރ. ޝަހީމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، "ރައީސް ޑރ މުއިއްޒު @MMuizzu ގެ ވައުދުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަޤުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ކަނޑައަޅުއްވާފައިވާތީވެ، މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު ބިލްޑިނގ އަންނަ ޖަނަވަނީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ." ކަމަށެވެ. 

ފުރަތަމަ ވަޤުފު ޢިމާރާތް (ދާރުލްއީމާން) އަޅާފައި ވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، މާފަންނު ސްކޫލާ ޖެހިގެން މަޖީދީ މަގަށްވާ ގޮތަށް ހުރި ބިމުގައެވެ. އެ ޢިމާރާތްވެސް އަޅާފައިވަނީ، ޑރ. ޝަހީމްގެ ވަޒީރުކަމުގައި، އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތީންނެވެ. 

ޑރ. ޝަހީމް ވިދާޅުވީ، "މިހާރު ޤާއިމު ކުރެވިފައިވާ ވަޤުފު ފަންޑު ބިލްޑިނގ (ދާރުލްއީމާން) އިން އަހަރު 6 މިލިއަންހާ ރުފިޔާ ފަންޑަށް ވަދެެއެވެ. މިފައިސާ ޚަރަދުކުރަމުން ދަނީ މިސްކިތްތައް މަރާމާތުކުރުމާއި ޙާލަތު ރަނގަޅުކުރުމަށް." ކަމަށެވެ.